މުޙައްމަދު އިބްރާހިމް
07 September 2019
މަޤްބޫލު ޙަބަރު

ހަނދުގެ ދިރާސާތައް ހެދުމަށް އިންޑިއާގެ ސްޕޭސް އެންޑް ރިސާޗް އޯގަނައިޒޭޝަންސް (އިސްރޯ) އިން ހަނދަށް ފޮނުވާލި ޖައްވީ އުޅަނދާ ގުޅުން ކެނޑި، މިޝަން ނާކާމިޔާބު ވެއްޖެއެވެ.

ހަނދުގެ ދެކުނު ތަނޑީގައި ޖައްސާ ފުރަތަމަ އުޅަނދުގެ އުއްމީދާއެކު “މިޝަން ޗަންދުރަޔާން-2″ގެ ނަމުގައި ފެށި މިޝަންގެ ދަށުން “ވިކްރަމް” ނަން ދީފައިވާ ޖައްވީ އުޅަނދު ލޯންޗުކުރީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރުދުކުރި އެ މިޝަންގެ ދަށުން ފޮނުވާލި ޖައްވީ އުޅަނދުގެ މަސައްކަތަކަށް ވެފައިވަނީ ހަނދުގައި ފެނާއި އައިސް އަދި މައުދަން ހުރިތޯ ބެލުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އިންޑިއާގެ ޖައްވީ އުޅަނދު ހަނދަށް ޖެއްސުމުގެ ފުރަތަމަ ކަންކަން ދިޔައީ ރޭވުމާ އެއްގޮތަށެވެ. ނަމަވެސް ހަނދުގެ ބިމާ ގާތްގަނޑަކަށް 2.1 ކިލޯމީޓަރު ކައިރިވެފައި ވަނިކޮށް އުޅަނދުގެ މަގު އޮޅި، އޭގެ ކުޑައިރުކޮޅެއް ފަހުން ދުނިޔެއާ އޮތް މުވާސަލާތީ ގުޅުން ކެނޑުނެވެ.

ބެލެވޭ ގޮތުގައި، އެ އުޅަނދު މިހާރު ވަނީ ހަނދަށް ވެއްޓިފައެވެ. ނަމަވެސް އިސްރޯ އިން ދަނީ އުޅަނދަށް ދިމާވި މައްސަލަ ބެލުމަށް ޑޭޓާތައް އެނަލައިޒް ކުރަމުންނެވެ.

ބޮޑު އުއްމީދާއެކު އިންޑިއާއިން ޖައްވަށް ފޮނުވި އުޅަނދާ މުވާސަލާތީ ގުޅުން ކެނޑުނުއިރު، އުޅަނދު ހަނދުގައި ޖައްސާ މަންޒަރު ލައިވްކޮށް ބެއްލެވުމަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ ވެސް ބެންގަލޫރޫގައި ހުންނަ އިސްރޯ ސްޓޭޝަނަށް ވަޑައިގެން އިންނެވިއެވެ.

އިންޑިއާއިން ޖައްވަށް ފޮނުވި އުޅަނދު ހަނދަށް ވެއްޓިފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުން މިދިޔަ އޭޕްރިލް މަހު ހަނދަށް ފޮނުވި އުޅަނދު ވެސް ވަނީ ހަނދަށް ވެއްޓިފައެވެ. “ބެރެޝީޓް” ގެ ނަންދިން އެ އުޅަނދު ހަނދަށް ވެއްޓުނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

އިންޑިއާއިން މިފަހަރު ޖައްވަށް ފޮނުވާލި އުޅަނދު ކާމިޔާބު ކަމާއެކު ހަނދަށް ޖެއްސިނަމަ އިންޑިއާ ވެގެންދާނީ ހަނދުގައި އުޅނދެއް ޖެއްސި ހަތަރުވަނަ ގައުމަށެވެ. މިހާތަނަށް އެކަން ކުރެވިފައިވަނީ އެމެރިކާ، ޗައިނާ އަދި ކުރީގެ ސޯވިއެޓް ޔޫނިއަން (މިހާރު ރަޝިއާ) އަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©