Wed, 3 June, 2020, 5:41 pm
އުސާމާ ބިން ލާދިންގެ ދަރިފުޅު މަރާލީ އެމެރިކާގެ އޮޕަރޭޝަނެއްގައި: ޓްރަމްޕް
3

މަރާލާފައިވާ އަލް ގައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިން މަރާލީ އެމެރިކާއިން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއްގައި ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިއަދު ވިދާޅުވީ، ހަމްޒާ ބިން ލާދިން މަރާލީ އަފްޣާނިސްތާން/ ޕާކިސްތާނމް ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައެވެ. އަދި އެކި ޓެރަރިސްޓް ގުރޫޕްތަކާއި ގުޅުން ބޭއްވުމާއި ޓެރަރިސްޓް ހަމަލާތައް ރޭވުމުގެ ޒިންމާ އޭނާ ނަގަންޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަމްޒާ ބިން ލާދިން މަރުވެއްޖެކަމަށް އެމެރިކާގެ އިންޓެލް މަސްދަރުތަކުން ހާމަކުރި ނަމަވެސް، މިއީ އޭނާގެ މަރުގެ ފަހަތުގައި އެމެރިކާގެ ދައުރެއް އޮތްކަން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.

އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިން އެންމެ ފަހުން ފެނިފައިވަނީ ބިންލާދިން ގުރޫޕުން ނެރުނު ވީޑިއޯ މެސެޖެއްގައި 2018 ވަނަ އަހަރެވެ. އެ މެސެޖުގައި އޭނާ ވަނީ ސައުދީ އަށް އިންޒާރުދީ އަދި އަރަބި ގައުމުތަކުން ސައުދީއާ ދެކޮޅަކަށް ތެދުވުމަށް ގޮވާލައިފައެވެ.

ނަމަވެސް އޭގެ ކުރިން 2015 ވަނަ އަހަރު އެމެރިކާއިން ވަނީ ހަމްޒާ ބިން ލާދިން އަކީ އަލް ގައިދާ ގުރޫޕްގެ މެމްބަރެއްގެ ގޮތުގައި ހިމަނައިފައެވެ. އޭނާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނީ 2017 ވަނަ އަހަރުއެވެ.

ހަމްޒާ އުފަންވެފައިވަނީ 1989 ގައެވެ. އަދި އުސާމާ ބިން ލާދިން އެމެރިކާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރީ 1996 ވަނަ އަހަރު އަފްޣާނިސްތާނަށް ބަދަލުވުމަށްފަހުއެވެ.

އަދި ސެޕްޓެމްބަރު 11، 2001 ވަނަ އަހަރު ނިއު ޔޯކްގެ ވޯލްޑް ޓްރޭޑް ސެންޓަރާއި ޕެންޓަގަންއަށް ދިން ހަމަލާގެ އޮޕަރޭޝަން ހިންގާފައިވަނީ އުސާމާ ބިން ލާދިންގެ ބެލުމުގެ ދަށުންކަމަށް އެމެރިކާއިން ބުނެއެވެ.

ނަމަވެސް އެމެރިކާގެ ސްޕެޝަލް ފޯސް އިން ބިން ލާދިން މަރާލެވުނީ އޭނާ ހޯދަމުން ދިޔަތާ 10 އަހަރު ފަހުން، 2011 ގައެވެ. އޭނާ މަރާލީ ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގެ ރަށް ބޭރުގައި ހުރި ގެއެއްގައި އޭނާ އިންދައި އެގެއަށް ދިން ހަމަލާއެއްގައެވެ.

Leave a comment

Your email address will not be published.