މުޙައްމަދު އިބްރާހިމް
29 September 2019
މަޤްބޫލު ޙަބަރު

އިޒްރޭލުން އީރާނަށް ހަމަލާއެއް ދީފިނަމަ، އެގައުމުގެ އެންމެ އެތިކޮޅެއް ވެސް ނުބާއްވާނެ ކަމަށް ވިދާޅުވެ އިޒްރޭލަށް އިރާނުގެ ކޮމާންޑަރަކު އިންޒާރު ދެއްވައިފިއެވެ.

އިރާނުގެ ނިއުސް އެޖެންސީ، ތަސްނީމްއަށް އިރާނިއަން ރެވެލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ އޮޕަރޭޝަންތަކުގެ ކޮމާންޑަރު އައްބާސް ނިލްފޮރޫޝަން ވިދާޅުވީ، އިޒްރޭލުން އެންމެ ގޯހެއް ހެދިނަމަވެސް ތެލް އަވީވްގެ އެތިކޮޅުތައް ނަގަންޖެހޭނީ މެޑިޓޭރިއަން ކަނޑުގެ އަޑިން ކަމަށެވެ.

“އިޒްރޭލުގެ ހަތަރު ފަރާތުން އިރާނު ވަނީ ވަށާލައިފައި. އިޒްރޭލުގެ އެންމެ އެތިކޮޅެއް ވެސް ނޯންނާނެ. އިޒްރޭލު އޮތީ އިރާނަށް އިންޒާރު ދެވޭ ހާލަތެއްގައެއް ނޫން،” ކޮމާންޑަރު އައްބާސް ނިލްފޮރޫޝަން ވިދާޅުވިއެވެ.

އިރާނުގެ ވަރުގަދަ އިންޒާރުތަކެއް އިޒްރޭލަށް ދިންއިރު، މިމަހުގެ ކުރީކޮޅު އިޒްރޭލުގެ ރައީސް ކަމަށް ވާދަކުރައްވާ ބެންޖަމިން ނެތަންޔާހޫ ވަނީ އިރާނުގެ މެދު ތެރޭގައި ސިއްރު ނިއުކްލިއާ ފެސިލިޓީއެއް ހުރި ކަމަށް ތުހުމަތުކޮށްފައެވެ.

ނެތަންޔާހޫ ތުހުމަތު ކުރައްވާ ގޮތުގައި، އެ ފެލިސޓީއަކީ ނިއުކްލިއާ ހަތިޔާރުގެ ދިރާސާތައް ހެދުމަށް އީރާނުން ބޭނުންކުރާ ތަނެކެވެ. އަދި އިޒްރޭލަށް އެކަން ފަޅާއެރުމުން އީރާނުން އެތަން ނައްތާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީރާނުން އަބަދުވެސް ގެންދަނީ އެގައުމުގެ ވަރުގަދަ ދުޝްމަނެއްގެ ގޮތުގައި އިޒްރޭލް ސިފަކޮށް އެގައުމަށް އިންޒާރު ދެމުންނެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި، އިޒްރޭލަކީ އެމެރިކާ އާއި ސަރަހައްދުގައި ހިމެނޭ ސުންނީ ގައުމުތަކާ ގުޅިގެން އެގައުމާ ދެކޮޅަށް މަސައްކަތްކުރާ ގައުމެކެވެ.

އިޒްރޭލަށް އީރާނުން އާ އިންޒާރުތަކެއް ދީފައިވާއިރު، ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ދެ ތެޔޮ ޕްލާންޓަކަށް މިމަހު ކުރީކޮޅު ދިން ޑްރާން ހަމަލާގެ ތުހުމަތު ސައުދީ އާއި އެމެރިކާއިން ގެންދަނީ އީރާނުގެ ބޮލުގައި އަޅުވައި، އީރާނަށް އިންޒާރު ދެމުންނެވެ.

ނަމަވެސް ޔަމަނުގެ ހޫތީން ވަނީ އެކަންކުރީ އެ ޖަމާއަތުން ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©