މުޙައްމަދު އިބްރާހިމް
26 October 2019
މަޤްބޫލު ޙަބަރު

ވައްކަމުގެ ގިނަ މައްސަލަތަކެއް ސާބިތުވި މީހެއްގެ އެއް އަތުގެ އިނގިލިތައް ބުރިކޮށްފިއެވެ.

އީރާނުގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ޕަބްލިކް ރިލޭޝަންސް ބިއުރޯއާ ހަވާލާދީ އިރާނުގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ ރޭޑިއޯ ފަރްދާ އިން ބުނީ، އިރާނުގެ އިރުމަތީގައި އޮންނަ މަޒަންދަރަން ޕްރޮވިންސްގައި އެ އަދަބު ދީފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

އަދި އެ އަދަބު ދިން މީހާއަކީ ގެތަކުން ވައްކަނ ްކުރުމުގެ 28 މައްސަލައެއް ސާބިތުވި މީހަކަށް ކަމަށާއި އޭނާއަށް އަދަބު ދީފައިވަނީ އިސްލާމީ ގާނޫނުގެ ދަށުން ކަމަށް ބުނެފައިވެއެވެ.

އީރާނުގެ އިސްލާމިކް ޕީނަލް ކޯޑުގައި ބުނެފައިވާ ގޮތުން، ފުރަތަމަ ފަހަރަށް ވައްކަމުގެ މައްސަލައެއް ސާބިތުވެއްޖެނަމަ އަދަބަކީ އެމީހެއްގެ ކަނާތު އަތުގެ ހަތަރު އިނގިލި ބުރި ކުރުމެވެ.

ދެވަނަ ފަހަރަށް އެފަދަ ކުށެއް ސާބިތުވެއްޖެނަމަ އަދަބަކީ ވާތު ފައިގެ ބައެއް ބުރި ކުރުމެވެ. އަދި ތިން ވަނަ ފަހަރަށް އެފަދަ ކުށެއް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހަށް ޖަލަށް ލެވޭއިރު، ހަތަރު ވަނަ ފަހަރަށް އެފަދަ ކުށަކަށް އަރައިގަނެއްޖެނަމަ އަދަބަކީ މަރުގެ އަދަބު ދިނުމެވެ.

އިނގިއްޔާއި އަތް ކެނޑުމުގެ މައްސަލަތަކުގައި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން އިރާނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް އެގައުމުގެ އެ އަމަލުތައް ކުށްވެރި ކުރި ނަމަވެސް އިރާނުގެ ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި ވައްކަމުގެ ކުށަށް އޮތް އެންމެ އެކަށީގެންވާ އަދަބަކީ އެއީއެވެ.

ނަމަވެސް އެފަދަ އަދަބުތައް މީޑިއާތަކަށް ތިލަވަނީ ވަރަށް މަދުންނެވެ.

އިނގިލިތައް ބުރިކުރި މައްސަލާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލްގެ ޑެޕިއުޓީ މިޑިލް އީސްޓް އެންޑް ނޯތް އެފްރިކާ ޑިރެކްޓަރު ސާލިހް ހިގާޒީ ވިދާޅުވީ، އަނިޔާވެރި އެފަދަ އަމަލުތައް ހުއްޓުވުމަށް އީރާނުގެ ޕީނަލް ކޯޑު ރިފޯމް ކުރަންމާ ލަސް ވެސް ވެއްޖެ ކަމަށެވެ.

އަދި އީރާނުގެ ގާނޫނު ހަދާ މަޖިލީހުން އެފަދަ ޖިސްމާނީ އަދަބުތައް ދިނުން ވަގުތުން ހުއްޓުވައި، ކުށްވެރިންނާ ދޭތެރޭގައި އިންސާނިއްޔަތުކަމާއެކު އަމަލުކޮށް، ރިހެބިލިޓޭޓް ކުރުމަށް ބާރުއަޅާ ކްރިމިނަލް ޖަސްޓިސް ސިސްޓަމެއް ގާއިމް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އީރާނުގައި އެންމެ ފަހުން މީހެއްގެ އިނގިލިތައް ކަނޑައިގެން މީޑިއާތަކުގައި އެކަން ރިޕޯޓްކުރީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެފަހަރު އިނގިލިތައް ބުރިކުރީ ކަންބަޅިއެއް ވަގަށް ނެގި 34 އަހަރުގެ މީހެއްގެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©