.
27 October 2019
މަޤްބޫލު ޙަބަރު

އައިއެސްގެ ލީޑަރު އަބޫބަކުރު އަލްބަޣްދާދީ މަރާލެވިފައިވާކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. ރިޕޯޓުތައް ބުނާގޮތުގައި އައިއެސްގެ ލީޑަރު މަރާލާފައިވަނީ އެމެރިކާއިން އޭނާއަށް އަމާޒުކޮށް ސޫރިޔާގައި ހިންގި ޚާއްސަ އަސްކަރީ ޙަރަކާތެއްގައެވެ.

އެމެރިކާގެ އޮފިޝަލް މިހެން ވިދާޅުވެފައިމިވަނީ އައިއެސްގެ ލީޑަރު އަބޫބަކުރު އަލް-ބަޣުދާދީ އަށް އަމާޒުކޮށް އެމެރިކާ ސިފައިން ސީރިއާގެ އުތުރުގައި ހައްސަ އޮޕަރޭޝަނެއް ހިންގަމުންދަނިކޮށެވެ. މިއޮޕަރޭޝަން ހިންގާފައި ވަނީ އެމެރިކާގެ ސީއައިއޭގެ ވެސް ބައިވެރިވުމާއި އެކުއެވެ.

އެމެރިކާގެ އޮފިޝަލެއް އޭޕީއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ އޭނާއަށް އަމާޒުކޮށް އޮޕަރޭޝަން ހިންގާފައިވަނީ ސޫރިޔާގެ އިދްލީބްގައިކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓްހައުސްގައި ބަޔާނެއްދެއްވާނެކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ހޯގަން ގިޑްލީ ވިދާޅުވިއެވެ.

ވައިޓް ހައުސްގެ ތަރުޖަމާނަކު މީޑިއަށް މައުލޫމަތު ދެމުން ބުނީ ވަރަށް އަވަހަށް ޓްރަމްޕް ވަރަށް ހާއްސަ ކަމެއް އިއުލާން ކުރާނެ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއެވެ. ޓްރަމްޕް މީޑިއާ އާއި ބައްދަލުކޮށް “ހާއްސަ ކަމެއް އިއުލާން ކުރުން” އޮންނާނީ ބެލެވޭ ގޮތުގައި ރައްޖޭ ގަޑިން މިރޭ 21:00 ގައެވެ.

ބަޣުދާދީ އަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަނާއި ގުޅޭ ގޮތުން އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން އަދި އެއްވެސް އެއްޗެއް ރަސްމީކޮށް ނުބުނެއެވެ.

އަލްބަޣްދާދީ މަރާލެވިއްޖެނަމަ، އައިއެސްގެ ޙަރަކާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އެ ޖަމާޢަތް ވަރަށް ބޮޑަށް ބަލިކަށިވެގެންދާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©