Fri, 5 June, 2020, 12:11 pm
ރައްޔިތުންގެ ޕްރެޝަރާއެކު ލުބުނާނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި
2

ސަރުކާރާ ދެކޮޅަށް ލުބުނާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވަން އެގައުމުގެ ބޮޑުވަޒީރު ސައާދު ހަރީރީ ނިންމަވައިފިއެވެ.

ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވާ ހަރީރީ ވިދާޅުވީ، މިވީހާ ތަނަށް ވެސް އޭނާ މަސައްކަތްކުރެއްވީ ރައްޔިތުންގެ އަޑު އަހައި ސެކިއުރިޓީ އާއި ދިރިއުޅުމުގެ ނުރައްކަލުން ގައުމު ސަލާމަތް ކުރުމަށް ކަމަށެވެ.

ނަމަވެސް ގައުމަށް މިހާރު ދިމާވެފައިވާ ކާރިސާގައި އިތުރު ގޮތެއް ނެތުމުން ލުބުނާނުގެ ރައީސް މައިކަލް އައޫންއަށް އިސްތިއުފާ ހުށަހަޅުއްވާނެ ހަރީރީ ވިދާޅުވިއެވެ.

“އަޅުގަނޑު މިދަނީ ރައީސްގެ ޕްރެސިޑެންޝިއަލް ޕެލެސްއަށް ސަރުކާރުން އަޅުގަނޑުގެ އިސްތިއުފާ ހުށަހަޅަން.. މިއީ ލުބުނާނަށް ބަދަލެއް ބޭނުންވެގެން އެތައް ހާސް ރައްޔިތުންނެއް ކުރަމުންދާ ޑިމާންޑާއެކު ނިންމި ނިންމުމެއް،” ހަރީރީ ވިދާޅުވިއެވެ.

ހަރީރީ އިސްތިއުފާ ދެއްވަން ނިންމެވިއިރު، ސަރުކާރު ތެރޭގައި ކޮރަޕްޝަން އާންމުވެ، އިގްތިސާދު ކަންކަން ދޯހަޅިވުމުން އެކަމާ ނުރުހުން ފާޅުކޮށް ސަރުކާރާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާތާ 13 ދުވަސް ވެއްޖެއެވެ.

ލުބުނާނުގައި މުޒާހަރާތައް ފުރަތަމަ ފެށުނީ ވަޓްސްއެޕާއި އެހެނިހެން މެސެޖްކުރާ ހިދުމަތްތަކުން ކުރާ ފޯން ކޯލްތަކުން ޓެކްސް ނަގަން ނިންމި ނިންމުމާ ދެކޮޅަށެވެ.

އެ ނިންމުން ފަހުން އުވާލި ނަމަވެސް މުޒާހަރާތައް އިތުރަށް ވަރުގަދަވެ، އެގައުމުގެ ރައްޔިތުން ވަނީ އާންމު މައިދާންތަކަށް އެއްވެ، ލުބުނާނުގެ ސަރުކާރުގެ އިސްތިއުފާ އަށާއި ކޮރަޕްޓް އޮފިޝަލުން ޖަވާބުދާރީ ކުރުވުމަށް ގޮވާލައިފައެވެ.

އަދި މުޒާހަރާތަކާ ގުޅިގެން އެގައުމުގެ ބޭންކުތަކާއި އޮފީސްތަކާއި ވިޔަފާރިތަކުގެ އިތުރުން ސްކޫލްތަކާއި އަދި ޔުނިވާސިޓީތައް ވަނީ ބަންދުކުރަން ޖެހިފައެވެ.

ލުބުނާނަކީ ވަޒީފާ ނެތް މީހުން އެންމެ ގިނަ އަދި އިގްތިސާދު ދުވެތި މަޑު ގައުމެކެވެ. އަދި  ދުނިޔޭގެ އެންމެ ދަރަނި ބޮޑު ގައުމުތަކުގެ ތެރޭގައި ލުބުނާން ހިމެނެއެވެ. އެގައުމުގެ ފިނޭންސް މިނިސްޓްރީން މިއަހަރުގެ މޭ މަހު ނރުނު ބަޔާނެއްގައި ބުނާގޮތުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެގައުމުގެ ދަރަނި ވަނީ  ބިލިއަން ޑޮލަރަށް އަރައިފައެވެ.

Leave a comment

Your email address will not be published.