މުޙައްމަދު އިބްރާހިމް
29 October 2019
މަޤްބޫލު ޙަބަރު

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޑިސްޓްރިކްޓެއް ކަމަށްވާ ޓްރިޗީގެ ހިމަ ފުން ފަޅަކަށް ވެއްޓުނު ދެ އަހަރުގެ ކުއްޖާ ސަލާމަތް ނުކުރެވި، ކުއްޖާ މަރުވެއްޖެއެވެ.

ސުޖިތް ވިލްސަން ނަމަކަށް ކިޔާ ދެ އަހަރުގެ އެ ފިރިހެން ކުއްޖާ ވަޅަށް ވެއްޓުނީ ރައްޓެހި ކުދިންތަކަކާއެކު ގޭދޮށުގައި ކުޅެން އުޅެނިކޮށް މިދިޔަ ހުކުރު ދުވަހުއެވެ.

180 މީޓަރު ފުން އެ ވަޅަށް ވެއްޓި ސުޖިތް ފުރަތަމަ ތާށިވީ ބިމުގެ 30 ފޫޓު އަޑީގައެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު އޭނާ ކައްސާލައިގެން 100 ފޫޓު އަޑީގައި ތާށިވިއެވެ.

ސުޖިތް ތާށިވި ދުވަހުން ފެށިގެން ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އޭނާ ސަލާމަތް ކުރަން ހިންގި 80 ގަޑިއިރުގެ އޮޕަރޭޝަން މިއަދު ހުއްޓާލީ، ތާށިވި ކްރިޝްނަން މަރުވެފައިވާކަން ކަށަވަރު ވުމުންނެވެ.

ޕްރިންސިޕަލް ސެކްރެޓަރީ ޖޭ ރާދާކްރިޝްނަންއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ، ވަޅުގައި ތާށިވި ސުޖިތް ސަލާމަތް ކުރުމުގެ އޮޕަރޭޝަން ކުރަމުން ދަނިކޮށް ވަޅު ތެރެއިން ހަށިގަނޑު ކުނިވެގެން ދުވާ ވަސް ދުވަން ފެށި ކަމަށެވެ.

އަދި ނޭޝަނަލް ޑީޒާސްޓާ ރެސްޕޯންސް ފޯސް (އެންޑީއާރުއެފް) އާއި ޑޮކްޓަރުންގެ ޓީމަކުން އެކަން ބެލުމަށްފަހު ސަޖިތްގެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައިވާ ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

“މިއަދު ހަވީރު ހަތަރެއް ޖަހާކަންހާއިރު އެންޑީއާރުއެފް އިން ވަނީ އެކުއްޖާގެ ހަށިގަނޑުގެ ބައިތައް ވަޅުތެރެއިން ނަގާފައި. ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމުން ނެގުނީ ހަށިގަނޑުގެ މަދުބައެއް. ހަށިގަނޑުގެ މުހިންމު ބައި ވަނީ ވަޅުތެރެއިން ނަގާފައި،” އެންޑީއާރުއެފް ރެސްކިއު އޮޕަރޭޝަން ޓީމުގެ ކޮމާންޑަރު ޖިތީޝް ޓީއެމް ވިދާޅުވިއެވެ.

ސުޖިތްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސް މިހާރު ވަނީ ވަޅުލައިފައެވެ. އެ ކުއްޖާގެ ކަށު ނަމާދުގައި ސުޖިތްގެ އަވަށުންނާއި އެހެން އަވަށްތަކުން އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©