މުޙައްމަދު އިބްރާހިމް
30 October 2019
މަޤްބޫލު ޙަބަރު

ރާއްޖެ ކައިރީގައި އުފެދުނު ޑިޕްރެޝަން ތޫފާނަކަށް ބަދަލުވެ، އަރަބި ކަނޑުގައި އެއް ފަހަރާ ދެ ތޫފާން އުފެދިއްޖެއެވެ.

އިންޑިއަން މީޓިއޮލޮޖިކަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް ރިތުންޖޭ މޮހާޕަތްރާއާ ހަވާލާދީ އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ފައިނޭންޝިއަލް އެކްސްޕުރެސްގައި ބުނެފައިވަނީ، އިއްޔެ އިން ފެށިގެން އަރަބި ކަނޑުގައި އުފެދިފައިވާ “ކިޔާރު” ނަން ދީފައިވާ ސުޕަ ސައިކްލޯންގެ ބާރު ދަށްވެ މިހާރު ސިވިއާ ސައިކްލޯނަކަށް ބަދަލުވެފައިވާ ކަމަށެވެ.

އަދި ރާއްޖެ ކައިރީގައި އުފެދުނު ޑިޕްރެޝަން ސައިކްލޯން އަކަށް ބަދަލުވެފައިވާ ކަމަށެވެ. އެ ސައިކްލޯންއަށް ދީފައިވާ ނަމަކީ “މަހާ” އެވެ.

އިންޑިއާގެ މެޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި، ރާއްޖެއާ އެންމެ ކައިރިން އުފެދުނު ސައިކްލޯން މިހާރު އުފެދިފައިވަނީ ރާއްޖޭގެ އިރުއިތުރުން 540 ކިލޯ މީޓަރު ދުރުގައެވެ.

އަދި އެ ތޫފާން މިހާރު ދަތުރު ކުރަމުންދަނީ ހުޅަނގުއުތުރުން މަލިކު ހިމެނޭ ލަކްޝަދީޕް ޖަޒީރާއާ ދިމާލަށް ކަމަށާއި މާދަމާގެ ވަގުތެއްގައި އެ ތޫފާންގެ އަސަރު އެ ސަރަހައްދަށް ކުރާނެ ކަމަށެވެ.

އެމެރިކާގައި ހުންނަ މަޝްހޫރު މީޓިއޮރޮލޮޖިސްޓް ފިލިޕް ކޮލްޓްބާކް ވިދާޅުވާ ގޮތުގައި، މިއީ 1972 ވަނަ އަހަރަށްފަހު އަރަބި ކަނޑުގައި އެއްފަހަރާ ދެ ސައިކްލޯން އުފެދުނު ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ބޭ އޮފް ބެންގާލް ކައިރީގައި ސުޕަ ސައިކްލޯން އުފެދުމަކީ އާންމު ކަމެއް ނަމަވެސް، އަރަބި ކަނޑުގައި އެއް ފަހަރާ ދެ ތޫފާން އުފެދުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©