މުޙައްމަދު އިބްރާހިމް
06 November 2019
މަޤްބޫލު ޙަބަރު

މަރާލާފައިވާ އިސްލާމިކް ސްޓެޓޭ (އައިއެސް) ގެ ލީޑަރު އަބޫބަކްރު އަލް ބަޣުދާދީގެ އަންހެނުން އަތުލައިގެންފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ބަޣުދާދީ މަރާލުމަށް އެމެރިކާގެ އަސްކަރިއްޔާއިން މިދިޔަ މަހު ހިންގި ރެއިޑާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ، އެ އޮޕަރޭޝަންގެ ކާމިޔާބީއާ ގުޅިގެން އެމެރިކާއިން ވަގުތުން މީޑިއާގެ ބޮޑު ކެމްޕެއިނެއް ފެށި ކަމަށެވެ.

“އަހަރެމެން އޭނާ (ބަޣުދާދީ)ގެ އަންހެނުން އަތުލައިގަތީ. އެކަމަކު އަހަރެމެން މާބޮޑު ދެއްކުންތެރި ކަމަކަށް އެކަން ނުހަދަން. ހަމައެގޮތަށް ބަޣުދާދީގެ ދައްކަތަ އާއި ޅިޔަނުވެސް ސީރިއާއިން އަތުލައިގަތީ އަހަރެމެން. މިގޮތުގައި ތުރުކީގެ މަސައްކަތް ކުރިއަށް ގެންދާނެ،” އުރުދުޣާން ވިދާޅުވިއެވެ.

މިހަފްތާގެ ކުރީކޮޅު ތުރުކީގެ އޮފިޝަލުން ވަނީ އެގައުމުގެ ސެކިއުރިޓީ ފައުޖުތަކުން ބަޣުދާދީގެ ދައްތަ އާއި އޭނާގެ ފިރިމީހާގެ އިތުރުން ދަނބިދަރިފުޅާއި ފަސް ކުދިން ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައެވެ.

ބަޣުދާދީގެ ދައްތަ ރަސްމިޔާ އާވާދު، 65 އަހަރު އާއި އޭނާގެ އާއިލާ އަތުލައިގަތީ މިދިޔަ ހޯމަ ދުވަހު ސީރިއާގެ އަލެޕޯ ޕްރޮވިންސްގައި އޮންނަ އަޒާޒު ނަމަކަށް ކިޔާ ސަހަރެއްގެ މުދާ އުފުލާ ކޮންޓެއިނަރެއްގެ ތެރެއިންނެވެ.

ބަޣުދާދީ މަރުވެފައިވާކަން އިއުލާން ކުރަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އޭނާ މަރުވީ ސީރިއާގެ އިދްލީބުގައި އެމެރިކާގެ ޚާއްސަ ސިފައިންގެ ހަމަލާތަކުން ފިލަން ވަން ކޮޅު ބެދިފައިވާ ހޮހަޅައިން ސަލާމަތް ވެވޭނެ ގޮތެއް ނެތުމުން އޭނާގެ ގައިގައި ހަރުކޮށްފައިވާ ވެސްޓް ގޮއްވާލައިގެން ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©