މުޙައްމަދު އިބްރާހިމް
11 November 2019
މަޤްބޫލު ޙަބަރު

ހިބްރޮން – ފަލަސްތީނުގެ ލީޑަރު ޔާސިރު އަރަފާތު އަވަހާރަވިތާ 15 އަހަރު ފުރުން ފާހަގަކުރުމަށް އެއްވި ފަލަސްތީނުގެ ރައްޔިތުންނާއި އިޒްރޭލުގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރެއިން ފަލަސްތީނު ޒުވާނެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލައިފިއެވެ.

މަންޒަރު ދުށް މީހުންނާ ހަވަލާދީ ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ އައްރޫބް ރެފިއުޖީ ކޭމްޕުގައި އުޅޭ ފަލަސްތީނުގެ ރައްޔިތުންނާ އިޒްރޭލު ސިފައިން ކުރިމަތިލީ ލައިވް ވަޒަނާއި ކަރުނަގޭހުންނެވެ.

ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކޮށްދޭ ގޮތުގައި އިޒްރޭލުގެ ސިފައިން ބަޑި ޖަހާ ޝަހީދުކޮށްލީ އުމަރު ހައިތަމް އަލް ބަދަވީ ނަމަކަށް ކިޔާ އުމުރުން 22 އަހަރުގެ ޒުވާނެކެވެ.

އޭނާއާ ވަރަށް ކައިރީގައި ހުރެ އިޒްރޭލު ސިފައިން ބަޑިޖެހީ އޭނާގެ ބަނޑަށެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ބަޑި ޖަހާފައިވަނީ އޭނާގެ މެޔަށެވެ. އަދި އޭނާއަށް ކުލިނިކަކަށް ގެންދަން ރެޑް ކުރެސެންޓުގެ އެމްބިއުލާންސަކަށް އަރުވަން އުޅުމުން ވެސް އިޒްރޭލުގެ ސިފައިން ހުރަސް އެޅި ކަމަށް ގުދުސް ނިއުސް ނެޓްވޯކުން ބުނެއެވެ.

އޭނާ މަރުވީ ކުލިނިކަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.

ބަދަވީ އަށް އިޒްރޭލުގެ ސިފައިން ހަމަލާދޭ ވީޑިއޯއެއް އާންމު ވެފައިވާއިރު، އެ ވީޑިއޯގައި ފެންނަނީ ހަމަނުޖެހުމުގައި އެއްލި އެއްޗަކުން އޭނާ އުޅޭ ގޭގެ ބައެއްގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވަން ބޭރަށް ނުކުންނަ ތަނެވެ. އޭރު އޭނާގެ އަތުގައި އޮތީ ފޮތިގަނޑެއް އެކަންޏެވެ.

އަދި އޭނާ އަލިފާންގަނޑު ނިއްވާލަން ދިއުމުގެ ކުރިން އިޒްރޭލު ސިފައިންގެ ކައިރީގައި ބުނާ އަޑުވެސް އިވެއެވެ. ނަމަވެސް ބަދަވީ ގަޔަށް އިޒްރޭލު ސިފައިން ބަޑި ޖެހިއިރު، ވަރަށް ކައިރީގައި ދެ ނޫސްވެރިން ވެސް ތިއްބެވެ.

Leave a Reply

Your email address will not be published.

haftha.mv ©