މުޙައްމަދު އިބްރާހިމް
12 November 2019
މަޤްބޫލު ޙަބަރު

ނިދިން ހޭލިއިރު ލޯބިވާ މަންމަ އާއި ބައްޕަ ޝަހީދުކޮށްލާފައިވާ ހަބަރު އިވުމުން ކުރެވޭނެ އިހުސާސް ހިތަށް ގެނެވޭ ހެއްޔެވެ؟ ފަލަސްތީނުގެ އެތައް ކުދިންނެއް އެ އިހުސާސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކުރެއެވެ. އިޒްރޭލުގެ ރަހުމުކުޑަ ހަމަލާތަކުގައި އެތައް ކުދިންނެއް ވަނީ ޔަތީމުކޮށްފައެވެ.

މިއަދަކީ ވެސް ފަލަސްތީނުގެ އާއިލާއަކަށް އެފަދަ ހިތްދަތި ދުވަހެކެވެ. ޔަހޫދީ އިޒްރޭލުން މިއަދު ފަތިހު ދިން މިސައިލް ހަމަލާއެއްގައި ނިދާފައި ތިބި ދެމަފިރިން މިވަނީ ޝަހީދު ކޮށްލައިފައެވެ. އެމީހުންގެ ތިން ކުދިން ޔަތީމުކޮށްފައެވެ.

އިޒްރޭލުން މިއަދު ފަތިހު ދިން ވައިގެ ހަމަލާގައި ޝަހީދު ވެފައިވަނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް އަތާ އާއި އޭނާގެ އަންހެނުން އަސްމާ އަބޫ އަތާއެވެ.

އެމީހުން ދިރިއުޅޭ ތިން ބުރީގެ އިމާރާތަކަށް އިޒްރޭލުން ދިން މިސައިލް ހަމަލާގައި އެގޭ ކައިރީގައި އުޅޭ އުމުރުން 20 އަހަރުގެ މީހަކު ވެސް ޝަހީދު ކޮށްލާފައިވާއިރު، ހަމަލާގައި 18 މީހުން ވަނީ ޒަހަމްވެފައެވެ. އޭގެ ތެރޭގައި އަބޫ އަތާގެ ކުދިން ވެސް ހިމެނެއެވެ.

އަބޫ އަތާ އާއި އޭނާގެ އަންހެނުންގެ ޖަނާޒާގައި އޭނާގެ ދަރިންނާއި އާއިލާ ކުރާނެ ހިތާމަ އަންދާޒާ ވެސް ނުކުރެވޭނެއެވެ. އެކުދިން އަޅަމުންދިޔަ ކަރުނަ ފޮހެދޭން މިއަދު ތިބީ އާއިލާގެ މެމްބަރުންނެވެ. ޅަ އުމުރުގައި ޔަތީމުވެ މަންމަ އާއި ބައްޕަގެ ލޯބިން މަހުރޫމްކުރީ އެކުދިންގެ ކުށެއް އޮވެގެންނެއް ނޫނެވެ.

އިޒްރޭލުގެ މަތިންދާބޯޓުތަކުން ޣާޒާއަށް މިއަދު ދިން ވައިގެ ހަމަލާގައި އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮ ޕަލެސްޓައިން ރެފިއުޖީސް (ޔޫއެންއާރުޑަބްލިއުއޭ)ގެ ސުކޫލަކަށް ވެސް ވަނީ ބޮން އަޅައިފައެވެ. ހަމަލާގައި އެ ސުކޫލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޣާޒާގައި ހުންނަ ހުރިހާ ސުކޫލެއްގެ ކިޔެވުން ބަންދު ކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©