މުޙައްމަދު އިބްރާހިމް
14 November 2019
މަޤްބޫލު ޙަބަރު

އިންޑޮނޭޝިއާ ކައިރިއަށް އައި ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު ނެރެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ، 7.4 މެގްނިޓިއުޑްގެ ބާރުމިނުގައި އެ ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާގެ އިރުމަތީގައި އޮންނަ މަލަކު އައިލެންޑްސްގެ ހުޅަނގުއުތުރުން 134 ދުރަށް ކަމަށެވެ. ބިންހެލުން އައިކަމަށް ރެކޯޑް ކުރެވިފައިވަނީ 62 ކިލޯ މީޓަރު އަޑިއަށެވެ.

ނަމަވެސް ބިންހެލުންތަކުގެ އެޕިސެންޓަރުން ބުނާ ގޮތުން، ރިޕޯޓް ކުރެވިފައިވަނީ 7.1 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އަދި އެ ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވެސް ބުނީ، ނޮދާން މޮލުކާ ސީގެ 10 ކިލޯ މީޓަރު އަޑިއަށް އައިސްފައިވަނީ 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށެވެ. ނަމަވެސް އެ ބިންހެލުމުން އުފެދިދާނެ ކަމަށް ބެލެވޭ ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް އެ ސާވިސް އިން ބުނެއެވެ.

ބިންހެލުމާ ގުޅިގެން އިންޑޮނޭޝިއާގެ ސެއިސްމޮލޮޖިކަލް އެޖެންސީން ވަނީ އެގައުމުގެ އައްސޭރިފަހުގެ ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރެފައެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރު (ޕީޓީޑަބްލިއުސީ) އިން ނެރެފައިވާ ސުނާމީގެ އިންޒާރުގެ މެސެޖުގައި ވަނީ، ބިންހެލުން އައި ސަރަހައްދާ 300 ކިލޯމީޓަރު ދުރުގައިވާ ހުރިހާ އައްސޭރި ފަށަށް ސުނާމީގެ އިންޒާރު ނެރެފައެވެ. އަދި ސަމާލުވެ ތިބެ، އިންޑޮނޭޝިއާގެ ކަމާގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް ވަނީ އަންގައިފައެވެ.

މިއަދު ބިންހެލުން އައި ސަރަހައްދަށް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ 6.9 މެގްނިޓިއުޑުގެ ބިންހެލުމެއް އައިއިރު، ޓާނޭޓް އައިލެންޑަށް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް ވެސް އައިސްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©