.
19 November 2019
މަޤްބޫލު ޙަބަރު

ދިވެހި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތީ ޒަމާންވީ ބަދަހި ގުޅުމެއްކަމަށާއި އެގުޅުން ވަރުގަދަ ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ލަންކާގެ އާ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ދެއްވައިފިއެވެ.

ހޮނިހިރު ދުވަހު ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ގޮތަބަޔާ ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ކުރެއްވި ޓްވީޓަށް ޖަވާބުދެއްވަމުން ގޯތަބަޔަ ވިދާޅުވީ، ދިވެހި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ޒަމަންވީ ބަދަހި ގުޅުމެއްކަމަށާއި، އެހެންކަމުން އެމަނިކުފާނުގެ ޒަޢާމަތުގައި އެގުޅުން ވަރުގަދަ ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

އަދި އަވަސް ފުރުޞަތެއްގައި ރައީސް ޞޯލިޙާއި ބައްދަލުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަަށްވެސް ގޯޓަބަޔަ ވަނީ ވިދާޅުވެފައެވެ.

ގޯޓަބަޔާ އަށް މަރުޙަބާ ވިދާޅުވަމުން ރައީސް ޞޯލިޙު ކުރެއްވި ޓްވީޓުގައި ލަންކާގެ އައު ޒަޢާމަތާއެކު ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

ގޮޓަބަތާ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ޤައުމާ މުޚާޠަބު ކުރައްވާ ދެއްވި ބަޔާނުގައި ވަނީ ވަކި ކޮޅަކަށް ބުރަނުވެ ޚާރިޖީ ސިޔާސަތެއް ދަމަހައްޓަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ގޯޓަބަޔާގެ ބޭބޭފުޅު އަދި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި އާއިލީ ބޭފުޅުންގެ އިތުރުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ލަންކާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ގޯޓަބަޔާ ކާމިޔާބު ކުރެއްވީ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޖިތު ޕްރަމަދާސާއާ ވާދަކޮށްގެންނެވެ. އެގޮތުން ސަޖިތުގެ މައްޗަށް ގޯޓާބަޔަ ކުރި ހޯއްދެވީ 13 ލައްކައަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

ރިޔާސީ އިންތިހާބުގައި 15.9 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު އޭގެ ތެރެއިން 80 ޕަސަންޓެއްހާ މީހުން ވޯޓުލާފައިވާ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އުމުރުފުޅުން 70 އަހަރު ގޯޓާބަޔާ އަކީ ލަންކާގެ ހަތްވަނަ ރައީސެވެ.

Leave a Reply

Your email address will not be published.

haftha.mv ©