މުޙައްމަދު އިބްރާހިމް
20 November 2019
މަޤްބޫލު ޙަބަރު

ލަންކާގެ އާ ބޮޑުވަޒީރަކަށް އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ މާދަމާ އައްޔަން ކުރައްވާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ލަންކާގެ ސިޔާސީ މަސްދަރުތަކާ ހަވާލާދީ ލަންކާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި، ލަންކާގެ އިންތިހާބީ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ އެމަނިކުފާނުގެ ބޭބޭފުޅު ބޮޑުވަޒީރަކަށް އައްޔަން ކުރެއްވުމަށް ނިންމަވައިފައެވެ.

އަދި މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ ހުވާ މާދަމާ ލަންކާ ގަޑިން 1:00 ޖަހާއިރު ކުރައްވާނެ ކަމަށް ބުނެފައިވެއެވެ.

މަހިންދަ ރާޖަޕަކްސަގެ މީޑިއާ ތަރުޖަމާން ރޯހަން ވެލިވިޓާ ވެސް ވިދާޅުވެފައިވަނީ، ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށްފަހު މާދަމާ 3:00 ގައި ބޮޑުވަޒީރުގެ މަސައްކަތްޕުޅުތައް މަހިންދަ ރާޖަޕަކްސަ ފައްޓަވާނެއެވެ.

ލަންކާގެ ބޮޑުވަޒީރު ކަމަށް މަހިންދަ ރާޖަޕަކްސަ ގެންނަވާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ. ނަމަވެސް އެ މަގާމަށް ރާޖަޕަކްސަ މާދަމާ އައްޔަން ކުރައްވަނީ އެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

ލަންކާގެ ނޫށްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ރަނިލް އިސްތިއުފާ ދެއްވީ މަހިންދަ ރާޖަޕަކްސަގެ ފިއްތުންތަކާ ގުޅިގެންނެވެ.

ނަމަވެސް ބޮޑުވަޒީރުގެ އޮފީހުން ބުނީ، ރަނިލް ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ޕާޓީގެ ކެނޑިޑޭޓު، ސަޖިތް ޕްރޭމަދާސަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން އާ ރައީސަށް ސަރުކާރު އުފެއްދުމުގެ ފުރުސަތު ދިނުމަށެވެ.

ލަންކާގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެގައުމުގެ ރިޔާސީ އިންތިހާބު ގޯތަބަޔާ ކާމިޔާބު ކުރެއްވީ ވޯޓުގެ 52.25 ޕަސެންޓް ހޯއްދަވައިގެންނެވެ. އަދި މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގަިއ ގޯތަބަޔާ ވަނީ ލަންކާގެ ހަތްވަނަ ރައީސް ކަމުގެ ހުވާ ކުރައްވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©