Fri, 5 June, 2020, 1:28 am
ސްރީލަންކާގެ އާންމު އިންތިޚާބު އޭޕްރީލް މަހު ބާއްވަން ސިޔާސީ ޕާޓީތަކުން އެއްބަސްވެއްޖެ
2

ސްރީލަންކާގެ އާންމު އިންތިޚާބު އަންނައަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް، އެގައުމުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ސްރީލަންކާގެ އާ ސަރުކާރުގެ ތަރުޖަމާނު ވިޖެޔަނަންދަ ހީރަތު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ގާނޫނުއަސާސީގައި ކަނޑައަޅަފައިވާ ގޮތުގެމަތިން މިހާރުއޮތް ޕާލަމެންޓް މާޗް 1 ގައި ރޫޅާލައި، އޭޕްރީލްމަހުގެ ތެރޭގައި އާންމު އިންތިޚާބު ބޭއްވުމަށް، ބޮޑުވަޒީރާއި، އިދިކޮޅު ލީޑަރާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ޕާލަމެންޓް މެމްބަރުންގެ މެދުގައި ބުދަދުވަހު ބޭއްވި ބައްދަލުވުމުގައި އެއްބަސްވެފައިވާކަމަށްވެސް އާ ސަރުކާރުގެ ތަރުޖަމާނު ވިޖެޔަނަންދަ ހީރަތު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވެފައިވެއެވެ.

ސްރީލަންކާގައި މިހާރުއޮތް ޕާލަމެންޓްގެ އަޣުލަބިއްޔަތުއޮތީ ރަނިލްގެ ޕާޓީއަށްކަމުން، އަލަށް އުފައްދާ ސަރުކާރު ވެގެންދާނީ އަޣުލަބިއްޔަތުނެތް ސަރުކާރަކަށެވެ. އެއީ، އަންނަ އަހަރު އާންމު އިންތިޚާބު ބާއްވަންދެން އުފައްދާ ވަގުތީ ސަރުކާރެކެވެ.

ސްރީލަންކާގައި މިހާރުއޮތް ޕާލަމެންޓް އިންތިޚާބު ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. ސްރީލަންކާގެ ގާނޫނުއަސާސީ ބުނާގޮތުން މިހާރުއޮތް ޕާލަމެންޓް މުއްދަތު ހަމަވުމުގެ ހަމަސް ކުރިޔަކުން ރައީސަށް ޕާލަމެންޓް ރޫޅައެއް ނުލެވޭނެއެވެ. އެހެންނަމަވެސް، ޕާލަމެންޓް މެމްބަރުންގެ އަޣުލަބިއްޔަތުން ގަރާރެއް ފާސްކޮށްފިނަމަ އަވަސް އިންތިޚާބެއް ބޭއްވިދާނެއެވެ. އެހެންކަމުން، މިހާރު ހުށަހެޅިފައިވަނީ މާޗް އެކެއްގައި ޕާލަމެންޓް ރޫޅާލައި އޭޕްރީލްހާ ތާނގައި އިންތިޚާބު ބާއްވާށެވެ.

ރައީސް ގޮޓަބާޔައަށް ވަގުތީ ސަރުކާރެއް އުފައްދަން މަގުފަހި ވެގެންދިޔައީ، ރަނިލް ބޮޑުވަޒީރުކަމުން ބުދަދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ރަނިލް ވިދާޅުވީ، ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ނިންމެވީ، ހޮނިހިރު ދުވަހުގެ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ.

Leave a comment

Your email address will not be published.