

ހޮންގްކޮންގައި ކުރިޔަށްދާ މުޒާހަރާތަކުގައި އިންސާނިއްޔަތާ ޚިލާފް އަމަލުތައް ހިންގާ ފަރާތްތަކައި ދެކޮޅަށް ފިޔަވަޅު އެޅުމާއި ގުޅޭ ބިލެއް އެމެރިކާއިން ފާސްކޮށްފިއެވެ.
އެމެރިކާގެ ހައުސް އޮފް ރެޕްސްއިން ފާސްކޮށްފައިވާ “ހޮންގްކޮންގ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ އެކްޓް” ފާސްކޮށްފައިވަނީ 417 ވޯޓުންނެވެ. ދެކޮޅަށް ވޯޓްދެއްވީ އެންމެ މެމްބަރެކެވެ. މިބިލްގައި ވާގޮތުން ހޮންގްކޮންގައި އިންސާނިއްޔަތާ ޚިލާފް އަމަލުތައް ހިންގާ އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެމެރިކާގެ ޚާރިޖިއްޔާއަށް ލިބިދެއެވެ.
މީގެއިތުރުން މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ބޭނުންކުރާ ބައެއްކަހަލަ ތަކެތި ހޮންގްކޮންގަށް އެތެރެކުރުން ހުއްޓުވުމުގެ ބިލެއްވެސް އެމެރިކާއިންވަނީ ފާސްކޮށްފައެވެ. މިބިލުގައިވަނީ ޕެޕަރސްޕްރޭއާއި، ކަރުނަގޭހާއި، ރަބަރުވަޒަން ކަހަލަ ސާމާނު އެތެރެކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށެވެ.
އެމެރިކާއިން މިފަދަ ބިލްތަކެއް ފާސްކުރި މިވަގުތަކީ، ހޮންގްކޮންގައި މުޒާހަރާ ކުރަމުންދާ މީހުން ކޭމްޕް ޖަހައިގެންތިބި ބައެއް ތަންތަނަށް ހޮންގްކޮންގ ފުލުހުން ގަދަބާރުން ވަދެ އާންމުންނަށް ބޮޑެތި އަނިޔާތައް ކުރަމުންދާ ކަމުގެ ރިޕޯޓްތައްވެސް މީޑިއައިން ފެތުރިފައިވަނިކޮށެވެ.
