

ސަމްބާލް: އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ރަށްފުށު ހިސާބުގަނޑެއްގައި އަވަށްޓެރިއެއްގެ ރޭޕްގެ ޝިކާރައަކަށްވި 16 އަހަރުގެ ކުއްޖަކު ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުންދަނިކޮށް މަރުވެއްޖެއެވެ.
އިންޑިއާ ފުލުހުންގެ އެސްޕީ ޔަމުނާ ޕްރަސާދު ވިދާޅުވީ، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރޭޕްކޮށް ގައިގާ ހުޅުޖެހުމުގެ ސަބަބުން ހަށިގަނޑުގެ ބޮޑުބައެއް އަނދައި، ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން މަރާ ހަނގުރާމަކުރަމުންދިޔަ އެ ކުއްޖާ މަރުވީ ދެއްލީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންދާތާ ނުވަ ދުވަސް ފަހުން ކަމަށެވެ.
އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލޮކް ޖައިޝްވަލް ވިދާޅުވި ގޮތުގައި، އެ ކުއްޖާ ރޭޕްކުރީ ގޭގައި އެކަނި ހުއްޓައެވެ. އަދި ފަހުން ގަޔަށް ކެރޯސީން އަޅައި ރޯކޮށްލީއެވެ.
އެ މައްސަލާގައި އެކަން ކުރި ޒީޝާން ނަމަކަށް ކިޔާ އަވަށްޓެރިޔާ ވަނީ ހައްޔަރުކޮށްފައެވެ. އެސްޕީ ޕްރަސާދު ވިދާޅުވި ގޮތުގައި، އެ މައްސަލަ އަވަސްކޮށް ކޯޓަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
