މުޙައްމަދު އިބްރާހިމް
30 November 2019
މަޤްބޫލު ޙަބަރު

ނޮވެމްބަރު 3، 1988 ނޮވެމްބަރު ގައި ރާއްޖެއަށްދިން އުދުވާނީ ހަމަލާއާ ގުޅިގެން ރާއްޖެއަށް އެހީވުމަށް އިންޑިއާ ސިފައިން ހިންގި “އޮޕަރޭޝަން ކެކްޓަސް”ގައި މުހިންމު ދައުރެއް އަދާކުރެއްވި ކުރީގެ ނޭވީ ޗީފް އެޑްމިރަލް ސުޝިލް ކުމާރު އަވަހާރަވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން، “އޮޕަރޭޝަން ކެކްޓަސް” ހިންގިއިރު ނޭވަލް އޮޕަރޭޝަންގެ ޑިރެކްޓަރަކަށް ހުންނެވި ކުމާރު އަވަހާރަވީ ދަ އާމީ ރިސާޗް އެންޑް ރެފެރަލް ހޮސްޕިޓަލުގައި މިދިޔަ ބުދަ ދުވަހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ.

އެޑްމިރަލް ކުމާރަކީ އޮޕަރޭޝަން ކެކްޓަސް އަދި ސްރީ ލަންކާގައި ހަރަކާތްތެރިވި ލިބަރޭޝަން ޓައިގާސް އޮފް ޓަމިލް އީލަމް (އެލްޓީޓީއީ) ނުވަތަ ތަމަޅަ ޓައިގަރުންގެ އަތްދަށުން އެގައުމުގެ އެންމެ އުތުރުގައި އޮންނަ ޖަފްނާ މިނިވަން ކުރުމަށް އިންޑިއަން ޕީސް ކީޕިން ފޯސް އިން ހިންގި “އޮޕަރޭޝަން ޕަވަން”ގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

އަދި އެ ދެ އޮޕަރޭޝަންގައި ދެއްކި ހިތްވަރާއި ކުރި ހިދުމަތް ފާހަގަކޮށް އެޑްމިރަލް ކުމާރަށް ވަނީ އިންޑިއާގެ އަސްކަރިއްޔާއިން އަރުވާ މެޑަލް، އުއްތަމް ޔުދް ސެވާ މެޑަލް އަރުވައިފައެވެ.

އިންޑިއާ ސިފައިން “އޮޕަރޭޝަން ކެކްޓަސް” ފެށީ އަބްދުﷲ ލުތުފީ އާއި އަހްމަދު ނާސިރު (ސަގަރު ނާސިރު) ފައިސާ ދީގެން ގެނައި ސްރީ ލަންކާގެ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާއަތުގެ ކުލީ ސިފައިންނާއެކު މާލެ އަރައި، ސިފައިންގެ ހިފުމަށް ހަމަލާ ދޭން ފެށުމުން ދިވެހި ސަރުކާރުން އޭރު އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާންދީއާ ގުޅުއްވައި އެގައުމުގެ އެހީއަށް އެދުމުންނެވެ.

އަދި އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ އަމުރުފުޅަށް ވައިގެ މަގުންނާއި ކަނޑުމަގުން އިންޑިއާގެ ސިފައިން ރާއްޖެ އަށް މިސްރާބު ޖެހިއެވެ. މި އޮޕަރޭޝަންގައި އިންޑިއާ ސިފައިންގެ މައިގަނޑު މަސައްކަތަކަށްވީ ރައީސް މައުމޫން ހިމާޔަތްކުރައްވައި މާލެ ކޮންޓްރޯލްގެ ދަށަށް ގެނައުމެވެ. އަދި ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުން ސަލާމަތްކުރުމާއި ފިލައިގެންދާން މަސައްކަތްކުރި ޓެރަރިސްޓުން ހުއްޓުވައި އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރަން ދިވެހި ސަރުކާރަށް އެހީތެރިވުމެވެ.

އެޑްމިރަލް ކުމާރު ވަނީ 1961 ވަނަ އަހަރު ޕޯޗުގީޒުން އަތުން ގޯއާ މިނިވަން ކުރުމަށް އިންޑިއާ ސިފައިންކުރި ކާމިޔާބު ހަނގުރާމައިގަ އާއި 1965 ވަނަ އަހަރާއި 1971 ވަނަ އަހަރު އިންޑޯ-ޕާކިސްތާން ހަނގުރާމައިގައި ބައިވެރިވެފައެވެ.

އިންޑިއާގެ 16 ވަނަ ޗީފް އޮފް ނޭވީގެ މަގާމު އެޑްމިރަލް ކުމާރު އަދާކުރެއްވީ 1998 އިން 2001 އަކަށެވެ. އޭނާ އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ ކަޝްމީރުގެ ކާގިލް ޑިސްޓުރިކްޓުގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި އަސްކަރީ ހަނގުރާމައިގައި ދެއްކި ލީޑާޝިޕާއި އިންޑިއާގެ ނޭވިލް އޮޕަރޭޝަންތައް ހިންގާ ބެލެހެއްޓެވި ގޮތަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©