Sun, 29 March, 2020, 1:29 pm
ދަރުސް ދެއްވަން އިން ޝައިހް އަވަހާރަވިއިރު ވިދާޅުވެވުނު އެންމެ ފަހު ބަހަކީ ޝަހާދަތް!

މަރަށް ތައްޔާރު ނުވެ ތިއްބާ މަރާ ބައްދަލުކުރަން ޖެހެނީ ކިތަށް ކިތަށް މީހުންނަށް ހެއްޔެވެ؟ ދަނޑުމަތީގައި ވަރުގަދަޔަށް ކުޅެކުޅެ ހުރި މީހާއަށް މަރާ ބައްދަލުކުރަން ޖެހިދެއެވެ. ގޭގައި ނިދަން އޮންނަ މީހާއަށް މަރާ ބައްދަލުކުރަން ޖެހިދެއެވެ. ނަމާދަށް ހުއްޓާ މަރުވެދެއެވެ. ނުބައި އަމަލެއްގެ ތެރޭގައި އުޅެނިކޮށް މަރުވެދެއެވެ. މަރަކީ އެއްވެސް އިންސާނަކަށް އެއިން ސަލާމަތް ވެވޭނެ އެއްޗެއް ނޫނެވެ. ވަގުތު ޖެހުމުން ކަނޑުގައި އޮތަސް ދަނޑުގައި އޮތަސް މަރު އައިސް ތިމާއާ ބައްދަލުކުރާނެއެވެ.

މިދިޔަ ހުކުރު ދުވަހު ދަރުސް ދެއްވަން އިންދާ ޝައިހަކު ވެސް މިވަނީ އަވަހާރަވެފައެވެ. ފަލަސްތީނަށް އުފަން ޝައިހް މަހުމޫދު އަބްދުލް ލަތީފް އަހުމަދު އަބްދުލް ބާގުއި ނުވަތަ ގިނަ ބަޔަކު ދަންނަ ނަމުންނަމަ އަބޫ ހައްތާބު ދަރުސް ދެއްވަނިކޮށް ބަސް ހުއްޓި ވެއްޓޭ ވީޑިއޯއެއް ދަނީ ދައުރު ވަމުންނެވެ. ނަމަވެސް ޝައިހް ދަރުސް ދެއްވަމުން ގެންދެވީ ކޮންތަނެއްގައި އިނދެގެން ކަމެއް ނޭނގެއެވެ.

އޭރު ޝައިހް ވާހަކަދައްކަވަމުން ގެންދެވީ ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންދެކެ ލޯބިފުޅު ވެވަޑައިގަންނަވާކަން ހާމަކުރެއްވި ބައެއް ހާދިސާތައް ވިދާޅުވަމުން ގެންދަވަނިކޮށެވެ.

ނަމަވެސް އެ ޝައިހް އަވަހާރަވުމުގެ ކުރިން ވިދާޅުވި އެންމެ ފަހު ބަހަކީ “لَا إِلٰهَ إِلَّا ٱلله “އެވެ.

މަރުވުމުގެ ކުރިން ތިމާއަށް ކިޔޭ އެންމެ ފަހުގެ ބަހަކީ ޝަހާދަތުގެ ދެ ކަލިމަ ކަމުގައި ހެދުމަށް ގަދައަޅާ މަސައްކަތްކުރާށެވެ. ހެޔޮ އަމަލުތަކުން ތިބާގެ ހަޔާތް ފުރާލާށެވެ. އެފަދަ މަރަކުން މަރުގަންނަވާ އިންސާނާއަށް އުފާވެރިކަން ހުއްޓެވެ. އެ މީހާއަށް ސުވަރުގެ ނޫން އެހެން ތަނެއް ނެތެވެ. މީ ﷲ ގެ ވައުދު ބަސްފުޅެވެ. މި ބަސްފުޅު ދޮގެއް ނުވާނެއެވެ.

Leave a comment

Your email address will not be published.