Fri, 5 June, 2020, 12:52 am
ތުރުކީ ކައިރިއަށް ބޯޓެއް ފެތި އަށް ކުދިން ގެނބިގެން މަރުވެއްޖެ
5

ތުރުކީގެ ހުޅަނގު އައްސޭރިފަށާ ކައިރިއަށް ބޯޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި އަށް ކުޑަކުދިން ގެނބިގެން މަރުވެއްޖެއެވެ.

ތުރުކީގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި، ތުރުކީގެ ޓޫރިސްޓު ޓައުނެއް ކަމަށްވާ ޗެސްމޭ ކައިރިއަށް ބަންޑުން ޖަހާލި ބޯޓުގައި 18 މީހުން ތިއްބެވެ. އޭގެ ތެރެއިން އަށް ކުޑަކުދިންނާއި އިތުރު ދެ މީހަކު ގެނބިގެން މަރުވިއިރު އަށް މީހަކު ވަނީ ސަލާމަތް ކޮށްފައެވެ.

ނަމަވެސް އެމީހުން ނިސްބަތްވާ ގައުމެއް އަދި ނޭނގެއެވެ.

އަނިޔާވެރިކަމާއި ހަނގުރާމައިގެ ސަބަބުން އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ މީހުންގެ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް އެތެރެވުމަށް ބޭނުންކުރާ އެއް ޓްރާންސިޓް ގައުމަކީ ތުރުކީއެވެ.

މިފަހަކުން ތުރުކީ މަގުން ޔޫރަޕަށް އެތެރެވާން އުޅުނު މީހުން ވަނީ އިތުރުވެފައެވެ. އޭގެ ތެރެއިން ގިނައީ އަފްގާނިސްތާން، ޕާކިސްތާން އަދި ސީރިއާގެ މީހުންނެވެ.

މެޑިޓޭނިއަން ކަނޑު ހުރަސް ކުރަން އުޅުނު 60000 މީހުން ތުރުކީގެ ކަމާބެހޭ އިދާރާތަކުން މިދިޔަ އަހަރު ވެސް ހައްޔަރުކޮށްފައެވެ. އަދި އިންސާނީ ވަގުފާރީގެ ތުހުމަތުގައި ގާތްގަނޑަކަށް 9000 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ތުރުކީ އަކީ ރެފިއުޖީންގެ އާބާދީ އެންމެ ބޮޑު އެއް ގައުމެކެވެ. އެގައުމުގައި ހަތަރު މިލިއަން ރެފިއުޖީން ދިރިއުޅޭއިރު އޭގެ ތެރެއިން 3.6 މިލިއަން މީހުންނަކީ ސީރިއާގެ ރައްޔިތުންނެވެ.

Leave a comment

Your email address will not be published.