Fri, 28 February, 2020, 5:29 pm
ތައިލެންޑުގައި ސިފައިންގެ މީހަކު، ބަޑިން ހަަމަލާދީ ގިނަ ބަޔަކު މަރާލައިފި

ތައިލެންޑުގައި ސިފައިންގެ މީހަކު، ބަޑިން ހަމަލާދީ ގިނަ ބަޔަކު މަރާލާފައިވާ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ހަމަލާ ދީފައިވަނީ ބެންކޮކްގެ އިރު އުތުރުގައި އޮންނަ ކޮރާތް ނަމަކަށް ސިޓީއެއްގައެވެ.  މިއީ ދިވެހިން އާންމުކޮށް ގޮސްއުޅޭ ބެންކޮކާ 258 ކިލޯ މީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ.

ތައިލެންޑުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ބީބީސީ ތައި އަށް ވިދާޅުވީ، ޖަކްރަފަންތް ތޮމްމަ ނަމަކަށް ކިޔާ އެ މީހާ ވަނީ އޭނާ އުޅޭ މިލިޓަރީ ކޭމްޕުގެ ވެރިޔާއަށް ހަމަލާދިނުމަށްފަހު އެތަނުން ނުކުމެގެން އައިސް ބުދިސްޓު ފައްޅިއަކަށާއި ޝޮޕިން ސެންޓަރަކަށް ހަމަލާދީފައެވެ. އަދި ޝޮޕިން ސެންޓަރުގެ ބޭސްމެންޓުގައި އޭނާ ފިލާފައިވާ ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

ތައިލެންޑުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ހާދިސާގައި މިހާތަނަށް 12 މީހަކު ވަނީ މަރާލައިފައެވެ. ނަމަވެސް ހަމަލާގައި މަރުވެފައިވަނީ ސީދާ ކިތައް މީހުން ކަމެއް އަދި ނޭނގެއެވެ.

“ހަމަލާދިން މީހާ ބޭނުންކޮށްފައިވަނީ މެޝިން ގަންއެއް. އަދި ކުށެއް ނެތް އާންމުންގެ ތެރެއަށް ބަޑި ޖެހުމުން ގިނަ އަދަދެއްގެ މީހުން މަރުވެ، އެތައް ބަޔަކު ވަނީ އަނިޔާވެފައި. މިވަގުތު މަރުވެފައިވަނީ ކިތައް މީހުންނެއް ކަމެއް ކަށަވަރުކޮށް ބުނެވޭކަށް ނެތް. ފުލުހުން ދަނީ ހަރަކާތްތެރިވަމުން،” ތައިލެންޑް ފުލުހުންގެ ތަރުޖަމާން އޭއެފްޕީއަށް ވިދާޅުވެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ހަަމަލާދިން މީހާ މިލިޓަރީ ކޭމްޕުން ނުކުތީ އާމީ ވެހިކަލެއް ވަގަށް ނަގައިގެންނެވެ. އަދި ހަމަލާދިނުމަށްފަހު އެ ހަމަލާގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.

Leave a comment

Your email address will not be published.