Thu, 2 April, 2020, 1:10 am
ބަންގުލަދޭޝް އިން ވެސް ކޮރޯނާވައިރަސް ފެނިއްޖެ

ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ބިދޭސީން އަންނަ ބަންގުލަދޭޝް އިން ވެސް ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19 ފެނިއްޖެއެވެ.

ބަންގުލަދޭޝްގެ އިންސްޓިޓިއުޓް އޮފް އެޕިޑެމިއޮލޮޖީ ޑިޒީސް ކޮންޓްރޯލް އެންޑް ރިސާޗުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޑރ. މީރުޖަޑީ ސަބްރީނާ ފްލޮރާ ވިދާޅުވީ، ކޮވިޑް-19 އަށް ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެއީ އުމުރުން 20 އަހަރާއި 35 އަހަރާ ދެމެދުގެ ތިން މީހުން ކަމަށާއި އޭގެ ތެރެއިން ދެ މީހުންނަކީ އިޓަލީގެ ސިޓީތަކުން އެނބުރި އައި ދެ މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެމީހުންނާ ކޮންޓެކްޓު ވެފައިވާ އިތުރު ތިން މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

ޑރ. މީރްޖަޑީ ވިދާޅުވީ، މިކަމާއި ގުޅިގެން ރައްޔިތުން ހާސްވުމުގެ ބޭނުމެއް ނެތް ކަމަށާއި މި ހާލަތު ކޮންޓްރޯލް ކުރުމުގެ އުންމީދު އެބަ އޮތް ކަމަށެވެ. އަދި މިވަގުތުގައި އާންމުން އެއްވެ އުޅޭ ހަރަކާތްތަކަށް ނުގޮސް ގޭގައި ތިބުމަށް އިލްތިމާސް ކޮށްފައިވެއެވެ.

“މިއީ މުޅި ގައުމަށް ވައިރަސް ފެތުރޭނޭ ބުނަންވީ ވަގުތެއް ނޫން. އަދި މިކަމާއި ގުޅިގެން ސުކޫލުތަކާއި ކޮލެޖުތައް މިވަގުތަށް ބަންދުކުރާކަށް ވެސް ނުޖެހޭ،” ޑރ. މީރްޖަޑީ ވިދާޅުވިއެވެ.

ކޮވިޑް 19 ބަންގުލަދޭޝްގައި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމުން ވަނީ އިޓަލީ، ސައުތު ކޮރެއާ، ޖަޕާން ކުވޭތުން އަންނަ މީހުންގެ ތެރެއިން ވައިރަސް ނެތްކަމުގެ މެޑިކަލް ސެޓްފިކެޓް ހުށަނާޅާ މީހުން ގައުމަށް އެތެރެވުން މަނާކޮށްފައެވެ.

ޗައިނާ އިން ފެނި ދުނިޔޭގެ 100 އަށްވުރެ ގިނަ މިހާރު ފެތުރިފައިވާ ކޮވިޑް 19ގެ 107،000 އަށްވުރެ ގިނަ ކޭސް މިހާތަނަށް ފެނިފައިވާއިރު އެބަލި ޖެހިގެން 3661 މީހުން ވަނީ މަރުވެފައެވެ. އަދި އެ ބަލި ޖެހުނު މީހުންގެ ތެރެއިން 60،900 އަށްވުރެ ގިނަ މީހުން ވަނީ އެބަލިން ރަނގަޅު ވެފައެވެ.

Leave a comment

Your email address will not be published.