Thu, 2 April, 2020, 2:52 am
ޗައިނާ ސަރުކާރުން ޗައިނާ މުސްލިމުންގެ ވަގުފާރީގައި

ޗައިނާ ސަރުކާރުން އުރިގޫރު މުސްލިމުން ޖަލަށް ލައިގެން ސިކުނޑި ދޮވުމަށް ކުރާ މަސައްކަތުގެ އެއްބުރު ނިންމުމަށްފަހު އަށްޑިހަ ހާސް މުސްލިމުން ވަނީ ފެކްޓްރީތަކުގައި މަސައްކަތް ކުރުވުމަށް ކުއްޔަށް ދޫކޮށްފައެވެ. މި ފެކްޓްރީތަކަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކަށް ބޮޑުއަގުގައި މުދާ އުފައްދާ ފެކްޓްރީތަކެވެ. މިކަން ހާމަކޮށްފައިވަނީ އޮސްޓްރޭލިއަން ސްޓްރެޓެޖިކް ޕޮލިސީ އިންސްޓިއުޓްއިން އެކުލަވާލި ރިޕޯޓެއްގައެވެ.

ޝީޖިއާންގައި މުސްލިމުން ޖަލަށްލާ އުނގަންނައިދޭ މަރުކަޒުތަކުން 2017އިން ފެށިގެން މީހުން ދޫކުރެއެވެ. މީހުން ދޫކުރުމުގެ މި ޕްރޮގްރާމަށް ކިއަނީ ޝީޖިއާންގ އެއިޑްގެ ނަމުން ހިންގާ ޕްރޮގްރާމެކެވެ. އޮސްޓްރޭލިއާގެ އިންސްޓިއުޓުން މިކަން ހާމަކޮށްފައިވަނީ އާންމުކޮށް ލިބެން ހުރި މައުލޫމާތާއި ސެޓެލައިޓްގެ މަންޒަރުތަކާއި މީޑިއާ ރިޕޯޓްތައް ބޭނުންކޮށްގެންނެވެ.

މި މަޢްލޫމާތުގެ އަލީގައި ފެންނަނީ ގަދަކަމުން މީހުން ލައްވައި މަސައްކަތް ކުރުވާކަމެވެ. އަދި މީހުން ވަކި ޔުނިޓްތަކުގައި ގެންގުޅޭ ކަމެކެވެ. މިގޮތަށް ގެންގުޅޭ މުސްލިމުންނަށް ޗައިނާގެ މެންޑެރިން ބަސް ކިޔަވައިދެއެވެ. އަދި ސިކުނޑި ދޮވެ، ބޮލުގައި ސިޔާސީ ފިކުރު އިންދުމަށްޓަކައި ޗައިނާގެ ސިޔާސަތަށް މިމީހުންގެ ސިކުނޑި ހޭނުވުމުގެ މަސައްކަތްވެސް މިތާގައި ހިނގައެވެ. ދީނީ އެއްވެސް ހަރަކާތެއް ހިންގުމަކީ މިތާގައި މަނާކަމެކެވެ. މިމަރުކަޒުގައި އުޅޭ ކޮންމެ މީހަކުވެސް ހުންނަނީ އޭނާއަށް ނަސޭހަތްތެރިވެ މަގު ދައްކާނެ މީހަކާ އެއްކޮށްފައެވެ. މީހާއަށް ތަންތަނަށް ގޮސް އުޅުމުގައި ހުރަސްތަކެއް ކަނޑައަޅާފައި ވެއެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތަކަށް ތަކެތި އުފައްދާ މި ކާރުޚާނާތަކަކީ، ބޮޑެތި 83 ބްރޭންޑަށް މުދާ އުފައްދާ ތަންތަނެވެ. މިތަންތަނުން ޚިދުމަތްތައް ލިބިގަންނަ ކުންފުނިތަކުގެ ތެރޭގައި ނައިކީއާއި އެޕަލްއާއި ވޯލްކްސްވޭގަންފަދަ ބޮޑެތި ނަންތައް ހިމެނެއެވެ.

މުސްލިމުންނާއި މެދު ޗައިނާއިން ގެންގުޅޭ ސިޔާސަތުން ޗައިނާއަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ޗައިނާ ސަރުކާރުން ދޮޅު މިލިއަން މީހުންގެ ސިކުނޑި ދޮވެލުމަށްޓަކައި މި މަރުކަޒުތަކަށް ފެންގިސް ބަންދުކޮށްފައިވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ. ޗައިނާ ސަރުކާރުން ބުނާ ގޮތުގައި މިމަރުކަޒުތަކަކީ މަސައްކަތާއި ހުނަރު ދަސްކޮށްދޭ ތަންތަނެވެ. އަދި މިއީ މީހުން އަމިއްލައަށް އެދިގެން ތަމްރީންވާން އަންނަ މަރުކަޒުތަކެވެ. ޗައިނާ ސަރުކާރުން ބުނެފައިވަނީ މިފަހުން މިފަދަ މަރުކަޒުތަކުން ވަރަށް ގިނަ ކުދިން ތަމްރީންވެގެން ގްރެޖުއޭޓްވެފައިވާކަމަށެވެ.

އޮސްޓްރޭލިއާ އިންސްޓިއުޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިތަންތަނުން މީހާ ދަސްވެނިވިނަމަވެސް އެމީހާ ހުންނަނީ އަބަދުވެސް ސަރުކާރުގެ ފާރަލުމެއްގެ ދަށުގައެވެ. ގަދަކަމުން ވަގުފާރިއަށް ނަންވާގޮތަށް މީހުން ފެކްޓްރީތަކަށް ކުއްޔަށް ދިނުމުގެ ނަމުގައި 80 ހާސް މީހުން އެކިތަންތަނަށް ދީފައިވާނެކަމަށް ބެލެވެއެވެ.

“އުރިގޫރު ދަރިކޮޅުގެ މީހުން ނީލަމުގައި”ގެ ނަމުގައި ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ވަނީ ޗިންޑާއޯގެ ތައިކޮންގ ފައިވާން ހަދާ ފެކްޓްރީއަކީ ނައިކީއަށް ފައިވާން ހަދައިދޭ ކާރުޚާނާއެއްކަމުގައެވެ. މިތާގައި މަސައްކަތް ކުރާ އަންހެނުންނަކީ އުރިގޫރު ދަރިކޮޅުގެ މީހުންނެވެ. މިމީހުންނަށް ރޭގަނޑު ކިލާސްތައް ނަގާދީފައި ވެއެވެ. މިކިލާސްތަކަކީ ސިކުނޑި ދޮވެލުމަށް ބަންދުކޮށްގެން ގެންގުޅޭ މުސްލިމު ފިރިހެނުންނަށް ކިޔަވައިދޭ ތަކެތި އުގަންނައިދޭ ކިލާސްތަކެކެވެ.

ސަރުކާރުގެ އިޢްލާނަކުން އަންގައިފައިވަނީ ރޭގަނޑު ހިންގާ “އަންނާރު އޮށް ކިލާހަށް” އެންމެން ދާން ޖެހޭނެ ކަމުގައެވެ. މިކިލާހަށް ނަންދެވިފައިވަނީ ޗައިނާއިން ހިންގާ އަންނާރު އޮށުގެ ސިޔާސަތަށް ބިނާ ކޮށެވެ. މިއީ ޖަމާއަތުގެ ހުރިހައި އަފްރާދުން އަންނާރެއްގެ އޮށްގޮތަށް އެކަކު އަނެކަކާ ބަދަހި ގުޅުމަކުން ގުޅިފައި ހުރުމަށް ބާރުއަޅާ ސިޔާސަތެކެވެ. އަންނާރު އޮށް ކިލާހުގައި މެންޑެރިންއާއި ޗައިނާގެ ގައުމީ ސަލާމާއި ގައުމީ ލޯބި ޖައްސާފަދަ ތަކެތި އުގަންނައި ދެވެއެވެ. މިމީހުންނަށް ވަޒީފާދީގެން އުޅޭ ފަރާތްތަކުން އެމީހުން ގެންގުޅޭ އުރިގޫރު މުސްލިމުންގެ ވިސްނުން ހުންނަ ގޮތާމެދު ސަލާމަތީ ފަރާތްތަކަށާއި ސަރުކާރުގެ މަސްއޫލު އިދާރާތަކަށް އެ އޮންނަ އުސޫލަކުން ރިޕޯޓްތައް ފޮނުވަން ޖެހެއެވެ.

“ސަރުކާރުން އުފައްދާފައިވާ އުރިގޫރު ލޭބަރުން” މި ސުރުޚީގެ ދަށުން އޮންލައިން މީޑިއާގައި އިޝްތިހާރުތައް ދޭތެރޭ ދޭތެރޭން ފެންނަކަމަށް މި ދިރާސާ އެކުލަވާލި މީހުން ބުނެފައި ވެއެވެ. އެއް އިޝްތިހާރެއްގައި ބުނެފައިވަނީ، “ޝީޖިއާންގެ ލޭބަރުން ވަޒީފާގައި ގެންގުޅުމުން ވާ ފައިދާއަކީ، ސިފައިން ކަންކަން ހިންގާ ގޮތަށް ކަން ހިންގަން އެނގި، އުނދަގޫ ހާލަތަށް ހޭނިފައި ވާ މީހުން ލިބުމެވެ. މީހާ ގެއްލިގެން ނުދާނެއެވެ. 100 މީހުންނަށްވުރެން މަދު އަދަދެއްގެ އޯޑަރު ބަލައެއް ނުގަނެވޭނެއެވެ.” މިހެންނެވެ.

ރިޕޯޓް ލިޔުނު ފަރާތްތަކުން ވަނީ މުވައްޒަފުން ގެންގުޅުމުގެ ގަވާއިދުތަކާ ޚިލާފްނުވާކަން ސާބިތުކޮށްދިނުމަށާއި ހިއުމަން ރައިޓްސްގެ އޮޑިޓެއް ހެދުމަށް މިތަންތަނަށް ޒިޔާރަތްކުރުމަށް ޗައިނާ ސަރުކާރުން ފުރުސަތު ދޭންވާނެކަމަށް ބުނެފައެވެ. މީހުންގެ ހައްގަށް އަރައި ނުގަންނަކަން ސާބިތުކޮށްދީ މިމައްސަލައަށް ސަމާލުކަން ދިނުމަށްވެސް ވަނީ ގޮވާލާފައެވެ.

އެޕަލް ކުންފުނިން ބުނެފައިވަނީ އެއީ މުވައްޒަފުންގެ ހައްގަށް ރިއާޔަތްކުރާ ކުންފުންޏެއްކަމުގައެވެ. ނައިކީ ކުންފުނިން ބުނެފައިވަނީ އެ މީހުންގެ ބޫޓުތައް އުފައްދާ ފެކްޓްރީގެ 7100 މުވައްޒަފުންގެ ތެރޭން 600 އަކީ އުރިގޫރު މީހުން ކަމުގައެވެ. އަދި މިމީހުން ގެނެސްފައިވަނީ މުވައްޒަފުން ލިބުގައި ދިމާވެފައިވާ ދަތިހައްލު ކުރުމަށެވެ.

Leave a comment

Your email address will not be published.