Thu, 2 April, 2020, 12:50 am
”ކޮވިޑް 19 ވަބާގައި އީރާނުން 3.5 މިލިއަން މީހުން މަރުވެދާނެ”

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ދޭ ސިއްހީ އިރުޝާދުތަކަށް އަމަލު ނުކޮށް ދަތުރުފަތުރުކޮށް އުޅޭނަމަ އީރާނުން 3.5 މިލިއަން މީހުން މަރުވެދާނެ ކަމުގެ އިންޒާރު ދީފިއެވެ.

އީރާނަކީ ކޮރޯނާވައިރަސް ފެނުނު ޗައިނާ އިން ބޭރުން އެބަލީގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވަމުންދާ ގައުމެވެ. އެގޮތުން އިއްޔެ އެކަނިވެސް އެގައުމުން 135 މީހުން ވަނީ މަރުވެފައެވެ. އެ އަދަދާއެކު ކޮވިޑް 19 ޖެހިގެން އީރާނުން މަރުވި މީހުންގެ ޖުމްލަ ވަނީ 988 އަށް އަރައިފައެވެ.

ތެހެރާންގެ ޝަރީފް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން ހެދި ދިރާސާ އަކަށް ބިނާކޮށް މެޑިކަލް ޑޮކްޓަރު އަދި އީރާނުގެ ދައުލަތުގެ ޓީވީގެ ނޫސްވެރިއެއް ކަމަށްވާ ޑރ. އަފްރޫޒް އެސްލާމީ އިއްޔެ ވަނީ އެގައުމުގައި ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ނުކުމެދާނެ ތިން ނަތީޖާއެއް ހުށަހަޅައިފައެވެ.

އޭނާ ވިދާޅުވާ ގޮތުގައި ސިއްހީ އިރުޝާދުތަކަށް އެގައުމުގެ ރައްޔިތުން އަމަލުކޮށް އެއްބާރުލުންދޭނަމަ ވައިރަސް ކޮންޓްރޯލް ވުމުގެ ކުރިން އީރާންގެ 120،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި، 12،000 މީހުން މަރުވެދާނެއެވެ.

އަދި މެދުމިނަށް ސިއްހީ އިދާރާތަކަށް އެއްބާރުލުން ދޭނަމަ ތިން ލައްކަ ކޭސް ފެނި، 110،000 މީހުން މަރުވެދާނެ ކަމަށް ޑރ. އެސްލާމީ ވިދާޅުވިއެވެ.

ނަމަވެސް އެ އިރުޝާދުތަކާއި ނަސޭހަތްތަކަށް އަމަލުނުކޮށް އުޅޭނަމަ މިހާރު ވެސް ހާސްކަމެއްގެ ތެރޭގައި އޮތް އީރާނުގެ ސިއްހީ ނިޒާމު ފެއިލް ވެގެން ގޮސް، އޭގެ ސަބަބުން ހަތަރު މިލިއަން މީހުންނަށް ބަލި ޖެހި، 3.5 މިލިއަން މީހުން މަރުވެދާނެ ކަމަށް ވިދާޅުވިއެވެ.

މި ދިރާސާ ބިނާކޮށްފައިވަނީ ކޮން އަސާސްތަކެއްގެ މައްޗަށް ކަމެއް އެސްލާމީ ވިދާޅުނުވި ނަމަވެސް ކޮންޓްރޯލް ކޮށްފައިވާ އީރާނުގެ ދައުލަތުގެ ޓީވީން މިފަދަ ރިޕޯޓެއް ގެނެސްދިނުމުން، އެގައުމުގައި ކޮވިޑް 19ގެ ސީރިއަސްކަން ވަނީ ފެތުރިފައެވެ.

Leave a comment

Your email address will not be published.