Thu, 2 April, 2020, 1:58 am
ނިއުޒިލަންޑަށް އެތެރެވުން ވަގުތީ ގޮތުން މަނާކޮށްފި
ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ،   ޓޫރިސްޓް އަދި ވަރކް ވިސާގައި ދަތުރުކުރާ ބިދޭސީންނަށް ނިއުޒިލަންޑް  އެތެރެވުން ވަގުތީގޮތުން މަނާކޮށްފިއެވެ.
ނިއުޒިލަންޑްގެ މިނިންމުމާއި ގުޅިގެން ދިވެހި ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ބުނެފައިވަނީ  ނިއުޒިލަންޑަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދޭކަމަށެވެ.  އަދި ނިއުޒިލެންޑްގެ ސަރުކާރުން އަޅާފައިވާ  ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ދިވެހި ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށްވެސް ދިވެހި ރާއްޖޭގެ ފޮރިންގ މިނިސްޓްރީން  އިލްތިމާސްކޮށްފައިވާއިރު، އަދި ނިއުޒިލަންޑްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ދިވެހި ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ވަނީ ރާއްޖެއިން  ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން،  އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ނުވަތަ ރާއްޖޭގެ ފޮރިންގ މިނިސްޓްރީގައި ރެޖިސްޓަރ ކުރުމަށްވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި ދިވެހި ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ބުނެފައިވެއެވެ.

Leave a comment

Your email address will not be published.