Thu, 2 April, 2020, 1:56 am
ކޮވިޑް 19: އިންޑިއާއަށް ފްލައިޓުތައް އޮޕަރޭޓް ކުރުން މަނާކޮށްފި

ނިއު ދެއްލީ: ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އިންޑިއާގައި ވެސް ފެތުރެމުންދާތީ އެބަލި ކޮންޓްރޯލް ކުރުމަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން އެގައުމަށް އިންޓަނޭޝަނަލް ކޮމާޝަލް ފްލައިޓުތައް އޮޕަރޭޓް ކުރުން ހުއްޓާލަން ނިންމައިފިއެވެ.

އިންޑިއާ ސަރުކާރުން މި ނިންމުން ނިންމިއިރު، އެގައުމަށް ބިދޭސީން އެތެރެވުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ.

“މާޗް 22 އިން ފެށިގެން އެއް ހަފްތާއަށް، އެއްވެސް ޝެޑިއުލް އިންޓަނޭޝަނަލް ކޮމާޝަނަލް ޕެސެންޖާ އެއާކުރާފްޓަކަށް އިންޑިއާއަށް ޖެއްސުން ވަނީ މަނާކޮށްފައި،” އިންޑިއާ ސަރުކާރުން ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައިވެއެވެ.

އިންޑިއާ ސަރުކާރުން މި ނިންމުން ނިންމިއިރު ދަތުރުފަތުރު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ދަތުރުފަތުރަށާއި ޓޫރިޒަމް ސިނާއަތްތަކަށް ކުރި އަސަރުން އިންޑިއާގެ ގިނަ އެއާލައިންސް ތަކުގެ ބައިނަލްއަގްވާމީ އަދި ޑޮމެސްޓިކް ފްލައިޓުތައް ވަނީ ގިނަ އަދަދަކަށް ކެންސަލް ކޮށްފައެވެ.

އޭވިއޭޝަން އިންޑަސްޓްރީ ލޮބީ ގުރޫޕެއް ކަމަށްވާ ދަ އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) އިން ވަނީ ކޮވިޑް 19 ކޮންޓްރޯލް ނުކުރެއްވިއްޖެނަމަ އެއާލައިންސް ތަކަށް 113 ބިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމުގެ އިންޒާރު ދީފައެވެ.

އިންޑިއާގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުުރުމަށް އިންޑިއާ ސަރުކާރުން ވަނީ އަންނަ މަހުގެ 15 އާ ހަމައަށް އެގައުމަށް ބިދޭސީން އެތެރެވުން ވަނީ މަނާކޮށްފައެވެ. އަދި އުމުރުން 10 އަހަރުގެ ދަށުގެ ކުޑަ ކުދިންނާއި 65 އަހަރުން މަތީގެ މީހުން ގެއިން ބޭރަށް ނުކުމެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

Leave a comment

Your email address will not be published.