Thu, 2 April, 2020, 2:45 am
ދިއްލީ ގޭންގު ރޭޕުގައި ބައިވެރިވި ރޭޕިސްޓުން ދަންޖައްސައިފި

މުމްބާއީ (ރޮއިޓާސް) – އިންޑިއާގެ ދިއްލީގައި 2012ވަނަ އަހަރު ބަހެއްގެ ތެރޭގައި އަންހެނަކު ރޭޕްކޮށް މަރާލުމުގައި ބައިވެރިވި ހަތަރު މީހުން ދައްޖައްސައި މަރާލައިފިއެވެ.

އަކްޝޭ ތަކޫރު، ޗިނޭ ޝަރްމާ، ޕަވަން ގުޕްތާ އަދި މުކޭޝް ސިންގް މަރަން އެ މައްސަލަ ބެލި ދިއްލީގެ ކޯޓުން ހުކުމް ކުރީ 13 ސެޕްޓެމްބަރު 2013 ގައެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގައި އެމީހުންގެ މަރުގެ ހުކުމް ދަމަހައްޓައިފައެވެ.

އޭގެ ފަހުން އެ ހަތަރު މީހުން ދަން ޖައްސައި މެރުމަށް ފުރަތަމަ ކަނޑައެޅި ތާރީހަކީ މިއަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހެވެ. ނަމަވެސް ފަހުން އެ ތާރީހު ވަނީ ދެ ފަހަރަކަށް ފަސްކޮށްފައެވެ.

އެ ހަތަރު މީހުން މިއަދު ދަންޖައްސާފައިވަނީ ނިއު ދެއްލީގެ ހައި ސެކިއުރިޓީ ޖަލެއް ކަމަށްވާ ތިހާރު ޕްރިޒަންގައެވެ. މިއީ 2015 ވަނަ އަހަރަށްފަހު އިންޑިއާގައި މަރުގެ ހުކުމް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ.

ނިރްބަޔާގެ ނަން ދީފައިވާ 23 އަހަރުގެ ފިޒިއޮތެރަޕީ ދަރިވަރު ރޭޕްކުރީ 16 ޑިސެމްބަރު 2012 ގައި ދަތުރުކުރަމުންދިޔަ ބަހެއްގެ ތެރޭގައެވެ. އެ ހާދިސާގައި ނިރްބަޔާ މަރުވީ އޭނާއަށް ދިން ބޮޑެތި އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ހާދިސާ ހިނގިތާ 13 ދުވަސް ފަހުންނެވެ.

އެ މައްސަލައިގައި އޭރު 17 އަހަރުގެ ކުޑަކުއްޖަކާއެކު ޖުމްލަ ހަ މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ރާމް ސިންގް ނަމަކަށް ކިޔާ މީހަކު ވަނީ މާޗް 2013 ގައި ޖަލުގައި އަމިއްލައަށް މަރުވެފައެވެ.

ކުޑަ ކުއްޖާއަށް އޭރު 18 އަހަރު ނުވާތީ އޭނާ ބެހެއްޓީ ތިން އަހަރު ވަންދެން އިސްލާހީ މަރުކަޒެއްގައެވެ. އަދި ތިން އަހަރު ހޭދަ ކުރުމުން 2015 ވަނަ އަހަރު އޭނާ ވަނީ މިނިވަންކޮށްފައެވެ.

ނިރްބަޔާގެ ގާތިލުން ދަން ޖެއްސުމުން އޭނާގެ މަންމަ ބުނީ، “ދަރިފުޅުގެ ފޮޓޯގަނޑެއްގައި ބައްދާލައިގެން އަހަރެން ދަރިފުޅު ގާތު ބުނިން އިންސާފު ލިބިއްޖެ” ކަމަށެވެ. ނިރްބަޔާގެ ބައްޕަ ބުނީ، ޖުޑީޝަރީއަށް އޮތް އިތުބާރު އަލުން އިޔާދަ ވެއްޖެ ކަމަށެވެ.

Leave a comment

Your email address will not be published.