Wed, 3 June, 2020, 11:07 pm
ކޮވިޑް 19 – ސައުދީ އަރަބިއާގައި ވެސް ކާފިއު އިއުލާންކޮށްފި
13

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއާގައި ވެސް 21 ދުވަސް ވަންދެން ކާފިއު އިއުލާން އެގައުމުގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒު އަމުރު ކުރައްވައިފިއެވެ.

ސައުދީގެ ޝާހީ ކޯޓުން ނެރުނު ބަޔާނަކާ ހަވާލާދީ ސައުދީ ޕްރެސް އެޖެންސީން ބުނީ، ކާފިއު އިއުލާން ކުރަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 7:00 އިން ހެނދުނު 6:00 އަށް ކަމަށެވެ.

ސައުދީގައި ކާފިއު އިއުލާން ކުރަން އެގައުމުގެ ރަސްގެފާން ނިންމަވާފައި މިވަނީ، އިއްޔެ އެކަނިވެސް ކޮވިޑް 19ގެ 119 ކޭސް ފެނިފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން އިއުލާން ކޮށްފައިވަނިކޮށެވެ. މި އަދަދާއެކު ސައުދީން އެބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 511 އަށް އަރައިފައެވެ.

ސައުދީގެ ދާހިލީ މިނިސްޓްރީން ބުނީ، ސައުދީ ރަސްގެފާނުގެ އެ ނިންމެވުމާ ގުޅިގެން އެގައުމުގެ ސިވިލް އަދި އަސްކަރީ އިދާރާތަކުން ކާފިއު ތަންފީޒު ކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.

އެގޮތުން ކާފިއު އިއުލާން ކޮށްފައިވާ މުއްދަތުގައި ކޮންމެހެން ގެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ ރައްޔިތުން ބޭރަށް ނުގޮސް ގޭގައި ތިބުމަށް ސައުދީގެ ކަމާބެހޭ އިދާރާތަކުން ވަނީ އަންގައިފައެވެ.

ސައުދީގައި މިރެއިން ފެށިގެން ކާފިއު އިއުލާން ކުރި ނަމަވެސް މުހިންމު ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައްޗަކަށް އެ އަމުރެއް ނުހިނގާނެއެވެ. އޭގެ ތެރޭގައި ހެލްތާއި ސެކިއުރިޓީ، މިލިޓަރީ އަދި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ.

އޭގެ އިތުރުން ކާބޯތަކެތި ވިއްކާ އަދި ތައްޔާރުކުރާ ތަންތަނާއި ޓްރާންސްޕޮޓޭޝަނާއި ހަކަތައިގެ ދާއިރާ އާއި ޓެލެކޮމް އަދި ފެނުގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މީހުންނަކަށް ކާފިއުގެ އަމުރެއް ނުހިނގާނެއެވެ.

Leave a comment

Your email address will not be published.