Tue, 7 April, 2020, 5:19 pm
ނިއު ޒީލެންޑުގެ މިސްކިތްތަކަށް ހަމަލާދިން މީހާ ދައުވާތަކަށް އިއުތިރާފް ވެއްޖެ

ނިއު ޒީލެންޑުގެ ކްރައިސްޓްޗާޗް ދެ މިސްކިތަކަށް ވަދެ ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލި މީހާ، އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް އިއުތިރާފު ވެއްޖެއެވެ.

އޮސްޓްރޭލިއާގެ ބްރެންޓަން ޓެރަންޓް ވަނީ އޭނާގެ މައްޗަށް އުފުލި ގަސްތުގައި މީހަކު މެރުމުގެ 51 ދައުވާ އާއި ގަސްތުގައި މީހަކު މަރަން އުޅުމުގެ 40 ދައުވާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ އެއް ދައުވާއަށް ވެސް އިއުތިރާފް ވެފައެވެ.

އޭނާ އެ ހުރިހާ ދައުވާއަކަށް އިއުތިރާފް ވެފައިމިވަނީ މީގެ ކުރިން އެ ދައުވާތަކަށް އިންކާރު ކުރުމަށްފަހުއެވެ. އަދި ދައުވާތަކަށް އިއުތިރާފް ވުމުން އޭނާގެ މައްޗަށް ދައުވާ ސަބިތުވެފައިވާ ކަމަށް ކްރައިސްޓްޗާޗް ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ނިންމަވައިފައެވެ.

އެ މައްސަލައިގައި ޓެރަންޓުގެ މައްޗަށް ހުކުމް ކުރާނެ ދުވަހެއް އަދި ކަނޑަޅާފައެއް ނުވެއެވެ.

ނަމަވެސް ދެން އޮންނަ އަޑުއެހުމަކަށް ކޯޓަށް ހާޒިރުކުރަންދެން ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. އޭނާ ދެން ކޯޓަށް ހާޒިރު ކުރާނީ އަންނެ މެއި މަހުގެ އެއް ވަނަ ދުވަހުއެވެ.

ކްރައިސްޓްޗާޗުގެ ނޫރު މިސްކިތަށާއި ލިންވުޑް އިސްލާމިކް ސެންޓަރަށް މިދިޔަ އަހަރުގެ މާޗް 15 ގައި ދިން ހަމަލާގައި 50 މީހަކު މަރުވެ، 49 މީހަކަށް އަނިޔާވިއެވެ. އަދި ހަމަލާއަށްފަހު ނިއު ޒިލެންޑުންގައި ވަނީ ބަޑި ގެންގުޅުމުގެ ހަރުކަށި ގާނޫނުތަކެއް ހަދައިފައެވެ.

Leave a comment

Your email address will not be published.