Thu, 28 May, 2020, 1:17 pm
ޗައިނާގެ އެފްރިކާ ރަހްމަތްތެރިންނަށް ޗައިނާގެ ހަގީގަތް އެނގެން ފަށައިފި
43

މިސްރުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ޗައިނާއިން ހިންގައެވެ. އޭގެ ތެރޭގައި މިސްރުގެ ވިޔަފާރި މަރުކަޒެއްގެ ގޮތުގައި އައު ސިޓީއެއް ބިނާ ކުރުމާއި ސާދާތު ސިޓީގައި ފޭރާން ވިޔާ ކާރުޚާނާތަކެއް ބިނާ ކުރުމާއި، އިރުގެ އަވިން ހަކަތަ އުފައްދާ ސްޓޭޝަންތަކެއް ހެދުން ހިމެނެއެވެ. މިސްރުގެ އިސްކަންދަރިއްޔާ ބަނދަރާއި ދަގަހްލިއްޔާ ބަނދަރަކީ ޗައިނާއިން ހިންގާ ބަނދަރުތަކެވެ.

މިސްރުގައި ޗައިނާ ކުންފުނިތަކަށް ދީފައިވާ ގިނަ އިންވެސްޓްމެންޓްތަކަކީ، ދެފުށް ފެންނަ ގޮތަށް ދީފައިވާ އިންވެސްޓްމެންޓްތަކެއް ނޫނެވެ. މިފަދަ ކަންކަމާ ގުޅިގެން ޕޯޓް ސައީދުގެ ސިނާއީ ސަރަހައްދުގައި ކުރަން ހުރި ގިނަ މަސައްކަތްތަކެއް ވަނީ ވަޅު ޖެހިފައެވެ. އަދި ޗައިނާއިން އިންވެސްތް ކުރާއިރު މިސްރު މީހުން ތަމްރީން ކުރުމަށް އެއްވެސް މަމސައްކަތެއް ނުކުރާކަމަށްވެސް މިސްރު މީހުން ތުހުމަތު ކުރެއެވެ.

ހަމައެފަދައިން މިސްރު މީހުންނާ މުއާމަލާތު ކުރާއިރު އިންސާނީ ހައްގަށް ބެލުމެއް ނެތްކަމަށްވެސް ބުނެއެވެ. މިކަންކަމާ މައްސަލަ ޖެއްސުމުން ޗައިނާ ކުންފުނިތަކުން ވަގުތީ ހައްލެއް ހޯދައެވެ. މިސްރުގައި ޗައިނާ ކުރާ އިންވެސްޓްމެންޓްތަކަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓީވްގެ ދަށުން ކުރާ މަސައްކަތްތަކެވެ. މިއިން މިސްރަށް ކުރާ ފައިދާއެއް ނެތްކަމަށް މިސްރު މީހުން ދެކެއެވެ.

މިސްރަކީ ޗައިނާއަށް ވަރަށް މުހިންމު ގައުމެކެވެ. ޔޫރަޕްއާއި އެފްރިކާއަށް ވަދެގަތުން ފަސޭހަ ކުރުމަށްޓަކައި ޗައިނާއަށް މިސްރާއި ގާތްގުޅުމެއް އޮތުން މުހިންމެވެ. އަދި މިސްރަކީ އެފްރިކާ ޔޫނިއަންގެ ރައީސްވެސް މެއެވެ. ޗައިނާގެ ޚާރިޖީ ވަޒިރު މިސްރަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ މިސްރުން ގެންގުޅޭ 2030ގެ މާރެސްއާ ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރުއު ގުޅުވާލަން ޖެހޭނެ ކަމުގައެވެ. އަދި ޗައިނާއަށް ކުރިމަތިވާ ހުރަސްތަކެއް މިސްރުގައި ހުރިކަމަށް އޭނާ އެއްބަސްވެ ވަޑައިގަތެވެ. ޗައިނާއިން މިސްރަށްދޭ ދަރަނީގެ ފައިސާއާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން މިސްރުގެ ކޮންސްޓިޓިއުޝަން ޕާޓީގެ ރައީސް އަބްދުލް ޚާލިކް ފާރޫގް ވިދާޅުވީ މިސްރުގެ ދަރަނި ޗައިނާއިން މަތިމައްޗަށް އިތުރުކުރަމުން ގެންދަނީ ކަމުގައެވެ.

އެފްރިކާގެ ގައުމުތަކުގައި  އެންމެ ގިނައިން އިންވެސްޓް ކުރާ ގައުމަކީ ޗައިނާއެވެ. ޗައިނާއިން ދަނީ އިތުރު އިންވެސްޓްމެންޓްތަކާއެކު ގައުމުތައް ދަރަނިވެރިކޮށް، އަތް ދަށު ލަމުންނެވެ. އެފްރިކާ ބައްރުގައި 10 ހާހެއްހާ ޗައިނާ ކުންފުނިތަކުން އިންވެސްޓްކޮށްފައި ވެއެވެ. މުޅި އެފްރިކާ ބައްރަށް ލިބޭ 40 އިންސައްތަ ފޮރިން އިންވެސްޓްމެންޓަކީ ޗައިނާއިން ލިބޭ އިންވެސްޓްމެންޓެވެ. ހިސާބު އަދަދު ގާތްގަނޑަކަށް މިއީ 2 ޓްރީލިއަން ޑޮލަރުގެ ފައިސާއެވެ. އެފްރިކާގައި ބިމަކީ ގަބީލާއިން ނުވަތަ އާއިލާއިން ކޮންޓްރޯލް ކުރާ ތަންތަނެވެ. ޗައިނާއިން އެފްރިކާގައި ބިމުގައި އިންވެސްޓް ކުރުމުން ބައެއްފަހަރަށް ބިމުގެ ވެރިންނާ މެދު މައްސަލަތައް ކުރިމަތިވެފައި ވެއެވެ.

އެފްރިކާގައި ވަސޒީފާގެ ފުރުސަތަކީވެސް ނާދިރު އެއްޗެކެވެ. ނަމަވެސް ޗައިނާއިން ހިންގާ ޕްރޮޖެކްޓްތަކުގައި ޗައިނާ މީހުން ބޭނުން ކުރުމުގެ ސަބަބުން ތަނުގެ އަސްލު ވަޒަންވެރިންނަށް ވަޒީފާ ނުލިބުމުގެ ސަބަބުން ސިޔާސީ މައިދާނަށް މި ނުތަނަވަސްކަން ތިލަވެއެވެ. ޒެމްބިއާގައި ރިއާސީ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ ޗައިނާގެ އިންވެސްޓްމެންޓާ ދެކޮޅަށް އަޑު އުފުލި ކެންޑިޑޭޓަކަށެވެ. ޗައިނާއިން އެފްރިކާގެ ގައުމުތަކަށް ފައިސާއަޅައި އެތަންތަން އަތްދަށު ލާން މަސައްކަތް ކުރިނަމަވެސް ޗައިނާއަށް އަދި އޮތީ މުޅިން ފަސޭހަ ދުވަސްތަކެއް ނޫނެވެ.

Leave a comment

Your email address will not be published.