Thu, 28 May, 2020, 4:06 pm
މިދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހިގެން ސްޕެއިން އިން 932 މަރު!
93

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އެންމެ ބޮޑަށް ފެތުރިފައިވާ އެއް ގައުމު ކަމަށްވާ ސްޕެއިންގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލި ޖެހިގެން 932 މީހުން މަރުވެއްޖެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ސްޕެއިންއަކީ އިޓަލީއާ ޖެހިގެން މިހާތަނަށް ކޮވިޑް 19 ގައި އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. އެގައުމުން އެކަނި ވެސް އެބަލީގައި 10935 މީހުން މިހާތަނަށް މަރުވެފައިވާއިރު ބަލި ޖެހުނު މީހުންގެ އަދަދު 117،000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ.

ނަމަވެސް ސްޕެއިންގެ ހެލްތު މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން އެގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ.

އެގޮތުން އިއްޔެ ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 7.9 ޕަސެންޓުގައި އުޅޭއިރު މިއަދު އެބަލި ޖެހުނު މީހުންގެ އަދަދު ވަނީ 6.8 ޕަސެންޓަށް ދަށް ވެފައެވެ. ބަލީގައި އިއްޔެ މަރުވި ޕަސެންޓަކީ 10.5 އެވެ. ނަމަވެސް އެ އަދަދު މިއަދު ވަނީ 9.3 ޕަސެންޓަށް ވެއްޓިފައެވެ.

ސްެޕެއިންގެ ހެލްތު މިނިސްޓްރީން ބުނީ، އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 30،513 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. މިއަދަދަކީ އިއްޔެއާ އަޅާބަލާއިރު 4000 އަށްވުރެ އިތުރު އަދަދެކެވެ.

މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު އިއްޔެ ވަނީ އެއް މިލިއަނަށްވުރެ މައްޗަށް އަރައިފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު މިއަދާ ހަމައަށް 55،000 އަށްވުރެ މައްޗަށް އަރާފައިވާއިރު ބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 222،332 މީހުންނެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކޮވިޑް 19 އެންމެ ގިނަ މީހުންނަށް ޖެހިފައިވަނީ އެމެރިކާގައެވެ. އެގައުމުގެ 245،442 މީހަކަށް ބަލި ވަނީ ޖެހިފައެވެ.

ދެވަނާގައި އޮތީ ސްޕެއިން އެވެ. ތިނަ ވަނައަށް އޮތީ ކޮވިޑް 19 ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި އިޓަލީއެވެ. އެގައުމުން 13،915 މީހުން އެބަލީގައި މަރުވެފައިވާ ބަލި ޖެހިފައިވަނީ 115،242 މީހަކަށެވެ.

Leave a comment

Your email address will not be published.