Thu, 28 May, 2020, 3:56 pm
ރާއްޖޭގައި ތިބި އިންޑިއާގެ 200 މީހުން ބަލައި އެގައުމުން ކަނޑުބޯޓެއް ފޮނުވަނީ
11

ރާއްޖޭގައި ތިބި އިންޑިއާގެ 200 މީހުން ބަލާ އެގައުމުން ކަނޑުބޯޓެއް ފޮނުވަން ނިންމާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މިއީ ކޮވިޑް 19އާ ގުޅިގެން ގައުމެއްގައި ތާށިވެފައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދިއުމަށް އެގައުމުން ނިންމި ފުރަތަމަ ފަހަރެވެ.

މާލޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނާ ހަވާލާދީ ކާނަޓަކާ ސްޓޭޓުގެ ނޫހެއް ކަމަށްވާ ޑެކަން ހެރާލްޑުގައި ބުނެފައިވަނީ، ކޮވިޑާ ގުޅިގެން ދެގައުމުން ވެސް އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ 200 މީހުން ބަލައި ބޯޓެއް ހަމަޖައްސަމުން އަންނަ ކަމަށެވެ.

އެ ބޯޓު ދާނީ އިންޑިއާގެ ކޮޗިންއަށް ކަމަށާއި އަދި އެމީހުން ދާން ބޭނުންވާ ތަނަކަށް ދިއުމުގެ ހުއްދަ ދިނުމުގެ ކުރިން ކޮޗިންގައި އެ އެންމެން 14 ދުވަހަށް ކަރަންޓީނު ކުރާނެ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ މީހުން ބަލައި އަންނަ ބޯޓުން ޖާގަ ދިނުމުގައި އިސްކަންދޭނީ ހައި ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައި ތިބި މީހުންގެ ތެރެއިން ސިއްހީ މައްސަލަތައް ހުންނަ މީހުން، މާބަނޑު މީހުން، އުމުރުން ދުވަސްވީ މީހުން، ޓޫރިސްޓު ވިސާގައި ރާއްޖޭގައި ތިބި މީހުންން އަދި ވަޒީފާ ގެއްލިފައި ތިބި އިންޑިއާގެ ރައްޔިތުންނަށް އިސްކަން ދިނުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ގާތްތިމާގެ މީހަކު ނިޔާވެފައިވާ މީހުންނަށް ވެސް އިސްކަންދޭން ވަނީ ނިންމައިފައެވެ.

ރާއްޖޭގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 527 އަށް އަރާފައިވާއިރު ތިން ވަނައަށް އެންމެ ގިނައީ އިންޑިއާގެ މީހުންނެވެ. އިންޑިއާގެ 52 މީހަކަށް މިހާތަނަށް ބަލި ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

Leave a comment

Your email address will not be published.