Thu, 28 May, 2020, 5:24 pm
ލަންކާގެ ކުރީގެ ހެލްތު މިނިސްޓަރު ހައްޔަރުކޮށްފި
2

ސްރީލަންކާގެ ކުރީގެ ހެލްތު މިނިސްޓަރު ޑރ. ރަޖިތާ ސެނަރަތުނަ ހައްޔަރުކޮށްފި އެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އޭނާ ހައްޔަރުކުރީ އިއްޔެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށް ހާޒިރުވުމުން ނެވެ. އަދި މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރުމުން، ނިގަމްބޯގައި ހުންނަ ޕަލަންސެނަ އައިސޮލޭޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ސެނެރަތުނަ އިއްޔެ ހައްޔަރުކުރުމުން ކޮލަމްބޯ ޗީފް މެޖިސްޓްރޭޓް ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ. ނަމަވެސް ކޮލަމްބޯ ހައި ކޯޓުން ވަނީ އެ އަމުރަކީ ބާތިލް އަމުރެއް ކަމަށް ނިންމައި، އޭނާ ހައްޔަރުގައި ބެހެއްޓުމަށް ނެރުނު އަމުރު ދަމަހައްޓައިފަ އެވެ.

ސެނަރަތުނަ ހައްޔަރު ކުރަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކޮލަމްބޯ މެޖިސްޓުރޭޓު ކޯޓުން އަމުރު ނެރުނީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް އޭނާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާ ގުޅިގެން ނެވެ.

އެބައްދަލުވުމުގައި، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި މީހުން ވަގަށް ނެގުމުގައި ބައިވެރިވި ކަމަށް ބުނާ ދެ މީހަކުވެސް ބައިވެރިވި އެވެ. އަދި ލަންކާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެބައްދަލުވުން ބޭއްވުމުގައި ޕީނަލް ކޯޑާ ހިލާފުވެފައިވާ ކަމަށް ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސެނަރަތުނަ ހައްޔަރުކުރި ނަމަވެސް ކޮލަމްބޯ ޗީފް މެޖިސްޓްރޭޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

Leave a comment

Your email address will not be published.