Thu, 28 May, 2020, 4:43 pm
ލަންކާގެ ރައީސްގެ ތިން މަހުގެ މުސާރަ އެގައުމުގެ ކޮވިޑް ފަންޑަށް
7

ކޮލަމްބޯ: ކޮވިޑް 19 އާ ގުޅިގެން ސްރީ ލަންކާގައި ހުޅުވާފައި ހާއްސަ ފަންޑަށް، އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ތިން މަހު މުސާރަ ހަދިޔާ ކުރައްވައިފި އެވެ.

ކޮވިޑް 19 އާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ކޮވިޑާ ގުޅިގެން އެންމެ ނިކަމެތި ހާލުގައި އުޅޭ މީހުންނަށް އެހީތެރިވުމަށް ގޮތަބަޔާގެ އިސްނެންގެވުމުގެ މަތިން ރައީސްގެ ފަންޑުން 100 މިލިއަން ރުޕީސްއާއެކު ކޮވިޑް 19 ހެލްތުކެއާ އެންޑް ސޯޝަލް ސެކިއުރިޓީ ފަންޑުގެ ނަމުގައި ފަންޑެއް އުފެއްދެވީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.

އެ ފަންޑަށް ތިން މަހުގެ މުސާރަ ހަދިޔާ ކުރެއްވުމުގެ ގޮތުން ގޮތަބަޔާ މިއަދު ވަނީ، ތިން މަހުގެ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ 292500 ލަންކާ ރުޕީސްގެ ޗެކެއް އެމަނިކުފާނުގެ ސެކްރެޓަރީއާ ހަވާލުކުރައްވައިފައެވެ. ލަންކާގެ ރައީސްއަށް މުސާރައިގެ ގޮތުގައި މަހަކު 97500 ލަންކާ ރުޕީސް ލިބިވަޑައިގަންނަވައެވެ.

ކޮވިޑް ފަންޑަށް ގޮތަބަޔާ ތިން މަހުގެ މުސާރަ ހަދިޔާ ކުރައްވާފައި މިވަނީ، ސަރުކާރު ހުރިހާ މުވައްޒަފުންގެ މެއި މަހުގެ މުސާރަ އެ ފަންޑަށް ހަދިޔާ ކުރުމަށް އެދިފައި ވަނިކޮށެވެ.

ކޮވިޑް ފަންޑަށް ލަންކާގެ ރައްޔިތުންގެ އިތުރުން ސަރުކާރާއި އަމިއްލަ ބައެއް ކުންފުނިތަކާއި ޖަމިއްޔާތަކުން ވެސް ފައިސާ ހަދިޔާ ކުރަމުން އަންނައިރު ލަންކާގެ ރައީސް އޮފީހުން ބުނީ، ކޮވިޑް ފަންޑަށް މިހާތަނަށް 900 މިލިއަން ރުޕީސް ލިބިފައިވާ ކަމަށެވެ.

Leave a comment

Your email address will not be published.