Thu, 28 May, 2020, 5:29 pm
އުރުދުންގެ ރަސްގެފާން އަބްދުﷲ ---
ހުޅަނގު އައްސޭރީގެ ބިންތައް ފޭރިއްޖެނަމަ އިޒްރޭލަށް އުރުދުންގެ ވަރުގަދަ އިންޒާރެއް
5

ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުން ފޭރިގަނެއްޖެނަމަ އެގައުމާ ދެކޮޅަށް ވަރުގަދަ ކުރިމަތިލުންތަކެއް ފެށިގެންދާނެ ކަމުގެ އިންޒާރު އުރުދުންގެ ރަސްގެފާން އަބްދުﷲ ދެއްވައިފި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާ އަލަށް އެކުލަވައިލާ އެކުވެރިކަމުގެ ސަރުކާރުގެ ބައިވެރިވާ ބެނީ ގާންޓްޒަގެ މެދުގައި އެކުލަވާލި ކޯލިޝަން އެއްބަސްވުމުގެ ދަށުން ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމުގެ އާ މަޝްރޫއެއް އަންނަ ޖުލައި މަހުގައި ފެށުމަށް ހިމަނާފައިވެ އެވެ.

މިއެއްބަސްވުމުގެ ދަށުން އުރުދުން ވާދީ އާއި އިސްރާއީލުން ގާާއިމުކޮށްފައިވާ ޣައިރު ގާާނޫނީ އާބާދުވުންތައް ރަސްމީކޮށް އިސްރާއީލުގެ ބިމުގެ ގޮތުގައި ހިމެނޭނެއެވެ. އެއީ ގާތްގަނޑަކަށް ހުޅަނގު އައްސޭރީގެ 30 ޕަސެންޓް ބިމަށްވުރެ ބޮޑު އަދަދެކެވެ.

އެކަމާ ގުޅޭގޮތުން އިންޓަވިއެއްގައި ވާހަކަފުޅު ދައްކަވަމުން ކިންގް އަބްދުﷲ ވިދާޅުވީ، އެއް ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވާ ލީޑަރުންނަށް އިޒްރޭލުން ކުރަން އުޅޭ ކަންތަކުގެ ހަގީގީ މާނަ ނުވިސްނޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރަހައްދުގައި އިތުރު ހަމަނުޖެހުމާއި ހައްދުފަހަނަ އެޅުން އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

“ޖުލައި މަހުގެ ތެރޭގައި އިޒްރޭލުން ހުޅަނގު އައްސޭރީގެ ބިންތައް ފޭރިއްޖެނަމަ، އުރުދުންއާއެކު ވަރުގަދަ ކުރިމަތިލުމަކަށް ދާނެ،” ކިންގް އަބްދުﷲ ވިދާޅުވި އެވެ.

ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުން ފޭރިގަތުމަކީ މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު މެދުއިރުމަތީގެ ސުލްހައިގެ ޕްލޭންގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވި ޕްލޭންގެ އެއް ބައެވެ. އެ ޕްލޭންގެ ދަށުން އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައަޅައިފައިވެ އެވެ. ނަމަވެސް އެ ޕްލޭނުގައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ވެސް ހުށަހަޅުއްވައިފަ އެވެ.

ޓްރަމްޕްގެ މި ޕްލޭނަށް އަރަބި ދުނިޔެއިން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އިރު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވަނީ އެ ޕްލޭން ބަލައިނުގަންނަން ނިންމައިފަ އެވެ.

Leave a comment

Your email address will not be published.