Thu, 28 May, 2020, 11:21 am
ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ތޫފާން “އަންޕަން” ސުޕަ ސައިކްލޯނަކަށް ބަދަލުވެއްޖެ
6

ބޭ އޮފް ބެންގޯލްގެ ހުޅަނގާއި މެދުތެރޭގައި އުފެދިފައިވާ ތޫފާން “އަންޕަން” ސުޕަ ސައިކްލޯނަކަށް ބަދަލުވެފައިވާ ކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ބުނެފި އެވެ.

އައިއެމްޑީންއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ، ސުޕަ ސައިކްލޯންއާ ގުޅިގެން ގަޑިއަކު 124 މޭލަށް ވައިގަދަވާނެ ކަމަށާއި މިއަދު އޮޑިޝާގެ އައްސޭރި ފަށަށް ބޯކޮށް ވާރޭވެހި މާދަމާ ވެސްޓް ބެންގޯލްއަށް ތޫފާން އަރާނެ ކަމަށެވެ.

އެ ޑިޕާޓްމަންޓުން ބުނާ ގޮތުގައި، އަންނަ ބުދަ ދުވަހު ސުޕަ ސައިކްލޯންގެ ބާރު ކޮންމެވެސް ވަރަކަށް ދަށްވާނެ އެވެ. ނަމަވެސް އޭރުން ވެސް ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 111 މޭލާއި 118 މޭލާ ދެމެދަށް ވައި ގަދަވާނެ ކަމަށް ބެލެވޭއިރު އެދުވަހު ވެސްޓް ބެންގޯލް އަދި ބަންގްލަދޭޝްގެ އައްސޭރި ފަށަށް ތޫފާން އަރާނެ ކަމަށް ވެސް އައިއެމްޑީން ބުނެއެވެ.

އައިއެމްޑީގެ ސައިންސްވެރިން ވިދާޅުވާ ގޮތުގައި، މިއީ ޖެހިޖެހިގެން ދެ އަހަރު ސުޕަ ސައިކްލޯނެއް އުފެދުނު ފުރަތަމަ ފަހަރެވެ. މީގެ ސަބަބެއް ކަމަށް ބެލެވެނީ އަރަބި ކަނޑާއި ބޭ އޮފް ބެންގޯލްގެ ކަނޑުގެ ފިނިހޫނުމިން މަތިވުން ކަމަށް ވެސް ސައިންސްވެރިން ވިދާޅުވިއެވެ.

މިދިޔަ އަހަރު އުފެދުނު ތޫފާނަށް ދީފައިވާ ނަމަކީ “ކިޔާރު” އެވެ. ނަމަވެސް މިއީ 1999 އަހަރަށްފަހު ބޭ އޮފް ބެންގޯލްގައި ސުޕަ ސައިކްލޯނެއް އުފެދުނު ފުރަތަމަ ފަހަރެވެ. އެފަހަރުގެ ތޫފާނުގައި އޮޑިޝާގެ އައްސޭރިފަށަށް އަރައި 9000 އަށްވުރެ ގިނަ މީހުން މަރުވި އެވެ.

Leave a comment

Your email address will not be published.