Thu, 28 May, 2020, 11:58 am
ބޮލީވިއާއަށް ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން، ހެލްތު މިނިސްޓަރު ހައްޔަރަށް
1

ކޮވިޑް 19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އަގުބޮޑުކޮށް ވެންޓިލޭޓަރުތަކެއް ގަތް މައްސަލައިގައި ބޮލީވިއާގެ ހެލްތު މިނިސްޓަރު ހައްޔަރުކޮށްފިއެވެ.

ބޮލީވިއާގެ ހެލްތު މިނިސްޓަރު މާސެލޯ ނަވާހާސް ހައްޔަރުކޮށްފައިވަނީ، ވެންޓިލޭޓަރުތައް ގަތް ގޮތުގެ ތަހުގީގެއް ހިންގަން އެގައުމު ވަގުތީ ރައީސާ ޖެނައިން އަންޔޭސް އެންގެވިތާ އެއް ދުވަސް ފަހުންނެވެ. އެ މައްސަލައާ ގުޅިގެން ބޮލީވިއާގެ ހެލްތު މިނިސްޓްރީގެ ދެ އޮފިޝަލަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކޮވިޑާ ދެކޮޅަށް ބޮލީވިއާ އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެގައުމުން ވަނީ ސްޕެއިންގެ ކުންފުންޏަކުން ވެންޓިލޭޓަރެއް 27683 ޑޮލަރުގެ މަގުން 179 އެތި ގަނެފައެވެ. އެއީ ޖުމްލަ ފަސް މިލިއަން އެމެރިކާ ޑޮލަރެވެ.

މި ތަކެތި ގަތުމަށް ފަންޑުކޮށްފައިވަނީ އިންޓަ އެމެރިކަން ޑިވެލޮޕްމަންޓް ބޭންކުންނެވެ. މި މައްސަލައާ ގުޅިގެން އެ ބޭންކުގެ ދެ މުވައްޒަފު ވެސް ވަނީ ހެކި ބަޔާން ނެގުމަށް ހާޒިރުކޮށްފައެވެ.

ނަމަވެސް ފަހުން ހާމަވި ގޮތުގައި އެތަކެތި ސްޕެއިންގެ ކުންފުނިން ވިއްކާފައިވަނީ އެއްޗެއް 10312 ޑޮލަރާއި 11941 ޑޮލަރާ ދެމެދުގައެވެ.

މި މައްސަލަ ފުރަތަމަ ފެންމަތިވީ ގަތް ވެންޓިލޭޓަރުތަކަކީ ބޮލީވިއާގެ އައިސީޔޫތަކާ ނުގުޅޭ އެއްޗެހިތަކެއް ކަމަށް ބުނެ އެގައުމުގެ އައިސީޔޫ ޑޮކްޓަރުން މިދިޔަ ހަފްތާގެ ތެރޭގައި ކަންބޮޑުވުން ފާޅުކުރުމުންނެވެ. އެކަމާ ގުޅިގެން ފަހުން އެ ވެންޓިލޭޓަރުތަކަކީ ބޮޑު އަގުގައި ގަނެފައިހުރި ތަކެތިކަން ފަޅާއެރިއެވެ.

ބޮލީވިއާގައި މިހާތަނަށް 4500 މީހުންނަށް ކޮވިޑް 19 ޖެހިފައިވާއިރު އެބަލީގައި އެގައުމުން 190 މީހުން މަރުވެފައިވެއެވެ. އަދި މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެގައުމުގެ ސަރުކާރުން ވަނީ ބޯޑަރުތައް ބަންދުކޮށް އާންމު ލޮކްޑައުންއެއް އިއުލާންކޮށްފައެވެ.

Leave a comment

Your email address will not be published.