Thu, 28 May, 2020, 4:01 pm
ކޮވިޑް ޖެހިގެން ގާޒާ އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ
2

ކޮވިޑް 19 ޖެހިގެން ފަލަސްތީނުގެ ގާޒާ ސިޓީން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ ކަމަށް އެ ސިޓީގެ އިދާރާތަކުން ބުނެފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ، ކޮވިޑް ޖެހިގެން މަރުވީ ރަފާ ބޯޑަރު ކައިރީގައި ހުންނަ ހޮސްޕިޓަލެއްގައި އެކަހެރިކޮށްފައި ހުރި އުމުރުން 77 އަހަރުގެ އަންހެނެއް ކަމަށެވެ.

ކޮވިޑް ޖެހިގެން ގާޒާ އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެފައިވާއިރު އެ ސިޓީއަށް އެނބުރި އަންނަ މީހުންގެ ތެރެއިން ގިނަ ބަޔަކު މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި ގާޒާގައި ބަލި ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ގާޒާއާ ގުޅޭ މިސްރާއި އިޒްރޭލުގެ ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި މިސްރުގައި ތާށިވެފައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް 1500 އެއްހާ މީހުން ރަފާ ބޯޑަރު ހުރަސްކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އަދި މަދު ބަޔަކު އިޒްރޭލުން ވެސް ގާޒާއަށް އެތެރެވެފައިވެ އެވެ.

އެ އެންމެންވެސް ކަރަންޓީން ފެސިލިޓީއެއްގައި ބައިތިއްބާފައިވާއިރު މިހާތަނަށް ގާޒާއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 55 މީހެކެވެ. ނަމަވެސް ގާޒާގެ ސިއްހީ އިދާރާތަކުން ވަނީ އެމީހުން ކަރަންޓީނަށް ގެންދިއުމުގެ ކުރިން ގާޒާގެ އެއްވެސް މީހަކާ ބައްދަލުވެފައިވޭތޯ ބަލަމުންނެވެ.

ގާޒާގައި ބަލި ފެތުރިދާނެކަމުގެ ބިރު ބޮޑުވެފައިވާއިރު އެ ސިޓީގެ ފަގީރުންގެ ނިސްބަތާއި ސިއްހީ ނިޒާމު ނިކަމެތިވެފައި އޮތުމުން އދ. އިން ވެސް ވަނީ ގާޒާގައި ކޮވިޑް ފެތުރިއްޖެނަމަ ބޮޑެތި ގެއްލުންތަކެއްވާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެގޮތުން ގާތްގަނޑަކަށް ދެ މިލިއަނެއްހާ މީހުން ދިރިއުޅޭ ގާޒާގައި ކޮވިޑް ޖެހި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ހުރީ 60 އަކަށް ވެންޓިލޭޓަރެވެ. އަދި ބައެއް ބޭސްތައް ވެސް ވަނީ މަދުވެފަ އެވެ.

ކޮވިޑް ބަލީގައި ގާޒާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވިޔަސް، ގާޒާގައި މަރުވި މީހާއާއެކު ފަލަސްތީނުން އެބަލީގައި މިހާތަނަށް މަރުވެފައިވަނީ ފަސް މީހެކެވެ. އެއީ ހުޅަނގު އައްސޭރީން ދެ މީހަކާއި އިރުމަތީ ގުދުހުން ދެ މީހަކެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ މިހާތަނަށް ބަލިން ރަނގަޅުވެފަ އެވެ.

Leave a comment

Your email address will not be published.