Thu, 28 May, 2020, 5:20 pm
ކޮވިޑާ ދެކޮޅަށް އެހީތެރިވިދިން ޗައިނާގެ ޑޮކްޓަރުންނަށް ކެމްބޯޑިއާއިން ޝަރަފުގެ މެޑަލް
3

ކެމްބޯޑިއާގައި ކޮވިޑް 19 އާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތުގައި އެހީތެރިވެދިން ޗައިނާގެ މިލިޓަރީ ޑޮކްޓަރުންނަށް ކެމްބޯޑިއާ ސަރުކާރުގެ ޝަރަފުގެ މެޑަލް އަރުވައިފި އެވެ.

ކެމްބޯޑިއާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުން ކުރަމުންދިޔަ މަސައްކަތުގައި އެހީތެރިވުމަށް ޗައިނާ މިލިޓަރީގެ ހަތަރު ޑޮކްޓަރުން ދެ މަސް ދުވަސް ހޭދަކުރި އެވެ. އެ މުއްދަތުގައި އެ ހަތަރު ޑޮކްޓަރުން ވަނީ ވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް ކެމްބޯޑިއާގެ މެޑިކަލް ސްޓާފުންގެ ގާބިލްކަން އިތުރުކުރުމަށް އެހީތެރިވެދީފައެވެ.

އެކަން ފާހަގަކޮށް މިދިޔަ ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ހަތަރު ޑޮކްޓަރުންނަށް ކެމްބޯޑިއާއިން “ކްނައިޓް ކުލާސް” މެޑަލް އެރުވީ އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ޖެނެރަލް ޓީ ބަން އެވެ.

ރަސްމިއްޔާތުގައި ޓީ ބަން ވިދާޅުވީ، ވޭތުވެދިޔަ ދެ މަސް ދުވަސް ތެރޭގައި ކެމްބޯޑިއާގައި ކޮވިޑުގެ ވަބާ ކުޑަކުރުމަށް ޗައިނާ ސަރުކާރުގެ މެޑިކަލް ޓީމުގެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށެވެ. އެގޮތުން ކޮވިޑާ ދެކޮޅަށް ޗައިނާ ޑޮކްޓަރުންގެ ތަޖުރިބާ އާއި އުކުޅުތައް ކެމްބޯޑިއާގެ ޑޮކްޓަރުންނަށް ގެނެސްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކެމްބޯޑިއާގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެންމެ 124 މީހުންނެވެ. އޭގެ ތެރެއިން 122 މީހަކު ރަނގަޅުވެފައިވާއިރު އެބަލީގައި އެގައުމުން މިހާތަނަށް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

Leave a comment

Your email address will not be published.