ޖުލައި 4, 2024

ފަގީރުކަން ނައްތާލުމަށްޓަކައި ރާއްޖޭގެ ޒަކާތު ހައުސް އިފުތިތާހުކޮށްފި

ރާއްޖޭގައި ތިބި ފަގީރުންނަކީ މާލީގޮތުން ފުދުންތެރި އުފެންދުންތެރި ބަޔަކަށް ހަދައި ރާއްޖެއިން ފަގީރުކަން ނައްތާލުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމުގެ މަގުސަދުގައި އީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ”މޯލްޑިވްސް ޒަކާތު ހައުސް“ މިއަދު އިފުތިތާހުކޮށްފި އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން މިދިޔަ މަހުގެ 18 ވަނަ ދުވަހު އުފެއްދެވި ރާއްޖޭގެ ޒަކާތު ހައުސް އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ ދައްކާލާފައިވާއިރު، ޒަކާތުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދިނެވެ.

ޒަކާތު ހައުސް އުފެދުމުން ހާސިލުކުރުމަށް އަމާޒުކުރާ ލަނޑުދަނޑިތައް

  • މުދަލު ޒަކާތާއި ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ، ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމެއްގެ ދަށުން ހަމަޖެއްސުން
  • ރާއްޖޭގެ ޒަކާތާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދެވެނީ ޝަރީޢާ ހުއްދަކުރާ މިންގަނޑުގެ ތެރެއިންކަން ކަށަވަރުކޮށް، ޒަކާތުގެ ކަންކަން ޝަރީޢާ ބޯޑަކުން ސުޕަވައިޒުކޮށް، ޒަމާނީ ފިޤްހުގެ އަލީގައި ކުރިޔަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުން.
  • ޒަކާތާއި ޞަދަޤާތުގެ ގޮތުގައި ނެގޭ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި ފައިސާއާ ގުޅޭ ރިޕޯޓުތައް ތައްޔާރުކޮށް އާންމުކުރުމުގެ މަސައްކަތްތައް، ”ޑިރެކްޓާ ޖެނެރަލް އޮފް ޒަކާތު“ގެ ބެލުމުގެ ދަށުން ހަރުދަނާ ގޮތެއްގައި ޒިންމާދާރުކަމާއެކު ކުރިއަށް ގެންގޮސް، އަހަރަކު އެއްފަހަރު އޮޑިޓްކޮށް ރިޕޯޓު އާންމުކުރުން.
  • ޒަކާތާ ބެހޭގޮތުން އާންމު ފަރުދުންނާއި ވިޔަފާރިވެރިނަށް އަމާޒުކޮށްގެން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކަމުގެ ޕްރޮގުރާމުތައް ހިންގައިގެން، މުދަލު ޒަކާތް ނެރުން ވާޖިބުވާ މީހުންގެ ތެރެއިން (ޒަކާތާބެހޭ ދައުލަތުގެ ނިޒާމުގެ ތެރެއިން) ޒަކާތް ދައްކާ މީހުންގެ ނިސްބަތް ކުރިއަށް އޮތް 5 އަހަރު ތެރޭގައި 30 އިންސައްތަ އިތުރުކުރުމާ އެކު އަހަރަކު ލިބޭ މުދަލު ޒަކާތުގެ އަދަދު މަދުވެގެން 200 މިލިއަނަށް އިތުރުކުރުން.
  • ޒަކާތާ ބެހޭ ކަންކަން ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ޝަރީޢާ ހުއްދަކުރާ ކަންކަމަށް ޒަކާތު ފަންޑުން ވަކި މިންވަރެއް އިންވެސްޓްކޮށް ފައިސާ އިތުރުކޮށް އޭގެ މަންފާ ޒަކާތުގެ ހައްގުވެރިންނަށް ސީދާ ގޮތެއްގައި ލިބޭ ގޮތް ހެދުން.
  • ފަގީރުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތައް މާލީގޮތުން ފުދުންތެރި އުފެންދުންތެރި ބަޔަކަށް ހަދައި ދިވެހިރާއްޖެއިން ފަގީރުކަން ނައްތާލުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުން.