Search
Close this search box.

’ހަފްތާ‘ ނޫހަކީ ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑަށް ފުރިހަމައަށް ތަބާވެ, ނޫސްވެރިކަމުގެ އެންމެ މަތީ ހަމަ ދެމެހެއްޓުމުގެ މަގުސަދުގައި އުފައްދައި, ހިންގަމުން އަންނަ ނޫހެކެވެ. މި ނޫހުގެ ނޫސްވެރިކަން ބިނާކުރާނެ މައިގަނޑު 10 ސިޔާސަތެއްވެއެވެ. އެއީ;

 

  1. ތެދު ހާމަކުރުން: ’ހަފްތާ’ގެ އުފެއްދުންތަކުގައި އަބަދުވެސް ބަލާނީ ތެދު ހާމަކުރާށެވެ. އަވަހަށް ހަބަރު ގެނެސްދިނުމަށްވުރެ މި ނޫހަށް މުހިންމީ ތެދު ތެދު މައުލޫމާތު ހާމަކުރުމެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތް އަބަދުވެސް ކުރަމުންދާނެއެވެ.

  2. އިސްލާމް ދީނުގެ އުސޫލުތަކަށް ތަބައަވުން: ’ހަފްތާ’ގެ އެއްވެސް އުފެއްދުމެއް އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފު, އަދި ދީނާއި ދިވެހިންގެ ސަގާފަތާއި ގަބޫލުކުރުންތަކާ ދެކޮޅެއް ނުވާނެއެވެ. މި ނޫހުން އަބަދުވެސް މަސައްކަތް ކުރާނީ އިސްލާމް ދީން މަތިވެރިކުރުމަށެވެ.

  3. ނުފޫޒުތަކުގައި ނުޖެހުން: ’ހަފްތާ’އަކީ ސިޔާސީ ވަކި ފިކުރަކަށް ތާއީދުކުރާ އަދި ކުރާނެ ނޫހެއް ނޫނެވެ. އެހެންކަމުން ސިޔާސީ ގޮތުން ވަކި ނުފޫޒުތަކެއްގައި ޖެހިގެން މި ނޫހުން މަސައްކަތެއް ނުކުރާނެއެވެ. އެފަދަ އެއްވެސް ހުށަހެޅުމެއްވެސް މި ނޫހުން ބަލައެއް ނުގަންނާނެއެވެ.

  4. އިންސާފުވެރިކަން: ’ހަފްތާ’ގެ އެޑިޓޯރިއަލް ސިޔާސަތުގެ މައިގަނޑު ގަބޫލުކުރުމަކީ ހަބަރާއި ރިޕޯޓްތަކާއި އެހެނިހެން އުފެއްދުންތައްވެސް އިންސާފުވެރިކަމުގެ މައްޗަށް ބިނާކުރުމެވެ.

  5. ހަމަހަމަކަން: ހަބަރާއި ރިޕޯޓްތަކާއި އެހެންވެސް އުފެއްދުންތައް ’ހަފްތާ‘ އިން ގެނެސްދޭނީ ވަކި ފަރާތަކަށް ނުޖެހި, ހަމަހަމަކަމުގެ މައްޗަށް އިސްކަންދީގެންނެވެ. އެގޮތުން ހަބަރާއި ރިޕޯޓްތައް ގެނެސްދިނުމުގައި ދެފަރާތުގެ ބަސް ހިމެނުމަށް އަބަދުވެސް މަސައްކަތްކުރާނެއެވެ.

  6. އާންމު މަސްލަހަތަށް އިސްކަންދިނުން: ދިވެހި ރައްޔިތުންގެ އާންމު މަސްލަހަތަށް ’ހަފްތާ‘ އިން އަބަދުވެސް އިސްކަންދޭނެއެވެ. އާންމު މަސްލަހަތާ ގުޅޭ ކަންކަން ގެނެސްދިނުމުގައި އާންމުންގެ ހިޔާލާއި ވިސްނުން ގެނެސްދޭން މަސައްކަތް ކުރާނެއެވެ.

  7. ކުޑަކުދިންގެ ކަރާމާތަށް އިސްކަންދިނުން: ކުޑަކުދިންނާ ގުޅޭ އުފެއްދުންތައް ގެނެސްދޭއިރު އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ’ހަފްތާ‘ އިން ނުކުރާނެއެވެ. ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންނަކީ ކޮން ބައެއްކަން އެނގޭ ގޮތަށް ނުވަތަ ކުދިންގެ ހައްގަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. މި ނޫހުން އަބަދުވެސް މަސައްކަތް ކުރާނީ ކުޑަކުދިންގެ ހިމާޔަތަށެވެ.

  8. ފިކުރީ މުދަލަށް އިހްތިރާމް ކުރުން: ’ހަފްތާ’ގައި ޖަހާ ލިޔުމެއް, ރިޕޯޓެއް އަދި އެހެނިހެން އުފެއްދުމެއްވިޔަސް ތިންވަނަ ފަރާތެއްގެ ފިކުރީ މުދަލެއް ބޭނުން ކުރާ ނަމަ އެކަން ކުރާނީ ހުއްދަ ހޯދައިގެން ނުވަތަ އެ މުދަލެއްގެ ވެރިފަރާތަކީ ކޮބައިކަން އަންގައި, އެ ބަޔަކަށް ދޭންޖެހޭ ކްރެޑިޓް ދީގެންނެވެ.

  9. މަސްދަރުގެ ސިއްރު ހިފެހެއްޓުން: ނަން ސިއްރުކުރުމަށް ޝަރުތުކޮށް ’ހަފްތާ‘ އަށް މައުލޫމާތު ދޭ މަސްދަރުތަކުގެ ސިއްރު މި ނޫހުން ހިފަހައްޓާނެއެވެ. އެކަމުގެ ޔަގީންކަމާއި އިތުބާރު އަބަދުވެސް ދަމަހައްޓާނަމެވެ. އެއީ ’ހަފްތާ’ގެ އެންމެ މަތީ މަސްލަހަތުތަކުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ.

  10. ކުށެއްކަން އެނގިއްޖެނަމަ އިސްލާހުކުރުން: ’ހަފްތާ’ގެ އެއްވެސް އުފެއްދުމެއްގައި ކުށެއް ޖެހިއްޖެ ނަމަ ނުވަތަ ކުށެއް ޖެހިފައި އިންކަން އެހެން ފަރާތަކުން އަންގައިފި ނަމަ އެކަން ވީހާވެސް އަވަހަކަށް އިސްލާހުކުރާނެއެވެ.