ސެޕްޓެމްބަރ 21, 2024

މިދިޔަ 5 އަހަރު 69،000 ވެހިކަލް ރަޖިސްޓްރީ ކުރި، މާލެއަށް އެކަނި 42،000 ވެހިކަލް!

ރާއްޖޭގައި މިދިޔަ ފަސް އަހަރު 69،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެއަށް ވެހިކަލް ގިނަވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އަމީން ވިދާޅުވީ، މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރި 69،000 އަށްވުރެ ގިނަ ވެހިކަލްގެ ތެރެއިން މާލެއަށް އެކަނިވެސް 42،000 ވެހިކަލް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

”އެހެންވީމާ އެނގިވަޑައިގަންނަވާނެ މި ސްކޭލްގައި މި ޓްރެންޑް މި ގޮތަށް ދާ ކަމަށް ވަންޏާމު މި މާލެ އޭރިއާ ދާނީ އަޅުގަނޑުމެންނަށް ނުހިފެހެއްޓިގެން،“ އަމީން ވިދާޅުވި އެވެ.

ގާނޫނުން ބޭރުން އެފަދަ ކަންކަން ހިނގާފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ގާނޫނުގެ ތެރެއިން ކަންކަން ކުރި ނަމަ އެ އަދަދު އެ ހިސާބަށް ނުދާނެ ކަމަށެވެ. އެހެންކަމުން ގާނޫނަށް ބަދަލެއް ނުގެނެސް، މިނިސްޓްރީއަށް ލިބޭ ބާރުގެ ދަށުން ބައެއް ހާލަތުތަކުގައި ރަޖިސްޓްރީ ކޮށްދިނުން މަޑުޖައްސައިލުމުން ނަތީޖާ ފެންނަ ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސިންގަޕޫރު ނުވަތަ ދުބާއީ ފަދަ ގައުމަކުން ތަޖުރިބާކާރުން ރާއްޖެ ގެނެސް ދިނުމަށް ފޮރިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ. އަދި އެ ތަޖުރިބާކާރުންގެ ލަފާ ހޯދައިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.