ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީ ކުރަމުންދާ ފްލެޓުތައް މިއަދު ހަވާލުކުރަން ފަށާނެ ކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ބުނެ އެ ވުޒާރާއާ ހަވާލާދީ ފަތުރަމުންދަނީ ހަގީޤަތާއި ހިލާފު ދޮގު ވާހަކަތަކެއްކަމަށެވެ. އަދި އެފަދަ މައުލޫމާތެއް އެ ވުޒާރާއިން އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ފްލެޓް ދޫކުރުމުގެ މަސައްކަތް ފަށާނީ އޭސީސީން އެ މައްސަލަ ބަލައި، އެ ވުޒާރާއަށް ފޮނުވުމުން ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ދޭން ނިންމި ފްލެޓުތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރާ ފްލެޓު ތަކެކެވެ. މި ފްލެޓުތަކަކީ މާލޭގެ ރަށްވެހިކަން އޮންނަ ނުވަތަ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ދިވެހިންނަށް ދޭން ހަމަޖެހިފައިވާ ފްލެޓުތަކެކެވެ. އެހެންނަމަވެސް ކުރީ ސަރުކާރުން އެތައް ބަޔަކަށް މި ފްލެޓްތަށް ބަހާފައިވާއިރު އޭގެތެެރެއިން އެއްވެސް ފްލެޓެއްގެ މަސައްކަތްވެސް ނިންމާފައެއް ނުވެއެވެ.
ގުޅުންހުރި