ޖުލައި 4, 2024

ޣައްޒާއަށް ހަމަލާތައް ދެމުންދާތާ 100 ދުވަސް، ޝަހީދުކޮށްލި މީހުންގެ އަދަދު 24،000 އަށް

އިސްރާއީލުގެ ސިފައިން ޣައްޒާއަށް ހަމަލާތައް ދެމުންގެންދާތާ 100 ދުވަސް ވެގެންދިޔައިރު، ވޭތުވެދިޔަ ސަތޭކަ ދުވަހުގެ ތެރޭގައި ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 24،000 އަށް އަރައިފައިވާއިރު ޝަހީދުވި ކުޑަކުދިންގެ އަދަދު ވަނީ 10،000 ން މައްޗަށް އަރާފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ، ޣައްޒާގެ މެދުތެރޭ ރަށްތަކަށާއި، ދެކުނުގެ ރަށްތަކަށް ދިން ހަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 125 މީހުން ޝަހީދުވެ، 265 މީހުން ޒަޚަމް ކޮށްލާފައިވާ ކަމަށެވެ.

ހަފުތާ ބަންދުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން މުޒާހަރާތައްބާއްވަމުންގެންދާއިރު އެމެރިކާގެ އެތެރޭގައިވެސް ގެންދަނީ  ޣައްޒާއާ ދެކޮޅަށް އެމެރިކާއިން ތާއީދުކުރާ އިސްރާއީލުންދެމުންގެންދާ ހަމަލާތަށް ހުއްޓާލުމަށް ގޮވާލަމުންނެވެ.

އާބާދީގައި 2.3 މިލިއަން މީހުން ދިރިއުޅެމުން އަންނަ ޣައްޒާގައި މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 23،968 މީހުން މަރުވެ، 60،582 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު ވަނީ 1139 އަށް އަރާފައެވެ.

ޔޫރޯ މެޑް މޮނިޓަރުން ލަފާކުރާ ގޮތުގައި ޣައްޒާގެ 24،000 އާއި 25،000 އާ ދެމެދުގެ އަދަދަކަށް ކުދިންގެ މައިންބަފައިން ގެއްލިފައިވާއިރު ގާތްގަނޑަކަށް 640،000 އާއިލާ ދިރިއުޅެވޭނެ ތަނެއް ނެތި ވަނީ ހާލުގައި ޖެހިފައެވެ.