ސެޕްޓެމްބަރ 22, 2024

ވިހެއުމަށްފަހު ތުއްތުކުއްޖާ ކުނިގޮނޑަށް އެއްލާލި މައްސަލައިގައި ހައްޔަރުކުރި މަންމައަށް ދައުވާކޮށްފި

ވިހެއުމަށްފަހު ކޮތަޅަކަށްލާ ކުނިގޮނޑަށް ތުއްތުކުއްޖެއް އެއްލާލި މައްސަލައިގައި ހައްޔަރުކުރި މަންމައަށް ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އދ. ދިގުރަށުގެ ކުނި ގޮނޑުން މަރުވެފައި އޮތް ކުއްޖަކު ފެނިފައިވާ މައްސަލައިގައި ސްރީލަންކާ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް ދައުވާ ކުރުމަށް  2024 ޖެނުއަރީ 16 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާތައް..

* އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ،

* ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ޤަސްދުގައި ހިންގުމުގެ ކުށުގެ ދަޢުވާ

* އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދަޢުވާ.

އެ އަންހެން މީހާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކުރަނީ، އޭނާ ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، 01 ޑިސެންބަރު 2023 ދުވަހުގެ 22:00 އާއި 03 ޑިސެންބަރު 2023 ދުވަހުގެ 05:00 އާ ދެމެދުގެ ވަގުތެއްގައި، އދ. ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނަ ތެރޭގައި ފާހާނާތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު، ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި ކޮތަޅުތަކަށް ލައިގެން ގެންގޮސް، 03 ޑިސެންބަރު 2023 ދުވަހުގެ 05:31 އެހައިކަށްހައިއިރު، އދ. ދިގުރަށުގައި ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ޑަސްބިނަކަށޤ ކުއްޖާގެ ހަށިގަނޑު އެއްލާލައި، ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު އަމަލުކޮށް ކުއްޖާ މަރާލާފައިވާތީއެވެ.

ދެވަނަ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވާ އޭނާ ބަލިވެއިނީއްސުރެ، ކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާތީ އާއި، އެފަދަ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ބަލިވެއިންކަން ސިއްރުކޮށް، ވިހަން އުޅޭކަން އެނގުމުން ހޮސްޕިޓަލަށް ނުގޮސް، ވިހެއުމަށް ސިއްހީ ފަރުވާ ލިބޭ ތަނަކަށް ދިއުމުގެ މަގު ފަހިވެފައިވަނިކޮށް އެ ފުރުސަތުގެ ބެނުން ނުކޮށް، ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައެއްގެ ފާހާނާތަށި ތެރެއަށް ކުއްޖާ ވިހާފައިވާތީއެވެ.

އަދި ކުއްޖާ ވިހެއުމަށްފަހު ޑަސްބިނަށް އެއްލާލައި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ، އެކުއްޖާގެ ސިއްހަތަށާއި، ރައްކާތެރިކަމާއި، މަސަލަހަތަށް އުނިކަން އަންނާނެ އަމަލުތައް ޤަސްދުގައި ހިންގައިފައިވާތީއެވެ.

އަދި ތިންވަނަ ދައުވާ ކޮށްފައިވަނީ އެ ކުއްޖާ މަރުވިކަން ގަސްދުގައި އެނގިހުރެ އެކަން ސިއްރު ކޮށްފައިވާތީއެވެ.

އެނގިހުރެ މީހަކު މެރުމުގެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުގައި ބަންދުކުރުމެވެ. އަދި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ޤަސްދުގައި ހިންގުމުގެ ކުށުގެ ދަޢުވާ އަދަބަކީ 3 އަހަރަށް ޖަލަށް ލުން. މީގެއިތުރުން އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ އަދަބަކީ 9 މަހާއި 18 ދުވަހަށް ޖަލުގައި ބަންދުކުރުމެވެ.

Leave a Reply