ނޮވެމްބަރ 22, 2024

މި ރަމަޟާން މަސް ވެގެންދާނީ ބާޒާރުގައި ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ އަހަރަކަށް: ހުސައިން

މި އަހަރުގެ ރަމަޟާންމަހު އާންމުކޮށް ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތަކާއި، އެތަކެތި ބޭނުންވާ މިންވަރު ދެނެގަންނާނެ މާކެޓަށް ނެރެވެން ހުރި މިންވަރު ބަލައި މާކެޓްގެ އަގުތައް ކޮންޓްރޯލް ކުރާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާޢީލް ވިދާޅުވީ، އެހެން އަހަރުތަކުގެ ރަމަޟާންމަހާއި ޚިލާފަށް މިއަހަރު ވެގެންދާނީ ބާޒާރުގައި ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވިގެންދާނެ އަހަރަކަށްވާނެ ކަމަށާއި، އެގޮތުން ރަމަޟާންމަހު އާންމުކޮށް ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތަކާއި، އެތަކެތި ބޭނުންވާ މިންވަރު ދެނެގަންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާކެޓަށް ނެރެވެން ހުރި މިންވަރު ބަލައި އިތުރަށް ބޭނުންވާ މިންވަރު ދެނެގަނެ މި އަހަރުގެ ރަމަޟާންމަހު މާކެޓްގެ އަގުތައް ކޮންޓްރޯލް ކުރާނެކަމަށްވެސް ޙުސައިން އިސްމާޢީލް ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް ޔަޤީންކަން އެބައޮތް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ރަމަޟާން މަހު ހާއްސަކޮށް ރާއްޖޭގައި އުފެއްދޭ ތަކެތީގެ އަގު ކޮންޓްރޯލް އަގެއްގައި ރައްޔިތުންނަށް އަގު ހެޔޮކޮށް ލިބިގެންދާނެ. އެ މަސައްކަތް އަޅުގަނޑުމެންނަށް ކުރެވިގެންދާނެ. ސަބަބަކީ އަޅުގަނޑުމެން ދުރާލާ މިކަމަށް ތައްޔާރުވީމަ ތަކެތި ބޭނުންވާ ވަރު އަޅުގަނޑުމެން މި ދަނީ ބަލަމުން“ ހުސައިން އިސްމާއިލް ވިދާޅުވިއެވެ.

ޑރ މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި އެކަމަށް ޚާއްޞަ ވުޒާރާއެއްއުފައްދަވާފައެވެ. ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ހޯދުމަކީ އެ ވުޒާރާގެ މައްޗަށް ހަފްތާ14 މަގުޗާޓުގައި ކުރުމަށް ލާޒިމްކޮށްފައިވާކަމެއްކަމަށެވެ. އެކަމާއި ގުޅޭ މަސައްކަތްތައް މި ހަފްތާގެ ތެރޭގައި ފެށިގެންދާނެކަމަށްވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.