ނޮވެމްބަރ 22, 2024

ތައިލެންޑާއި، ޔޫއޭއީ އަށް ބަލިމީހުން ފޮނުވަން ކުރަންޖެހޭ މަސައްކަތްތައް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާގޮތަށް ތައިލެންޑް އަދި ޔޫއޭއީ އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން  ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއިއެކު ކުރެވެމުންދާ ކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އަދި ސްރީ ލަންކާއަށެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އާސްނަދައިގެ ދަށުން މިހާރު ބޭސްފަރުވާ ކުރެވެނީ މަދު ގައުމަކުން ކަމަށާއި އެކަން ބަދަލުކޮށް މި ހިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.

”އާސަންދައަކީ ހަމައެކަނި ވަކި ދިމާލަކުން އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދާ އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް ޔޫއޭއީ އަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާ ކުރާނަން'“ ރައީސް ވިދާޅުވިއެވެ.

އާސަންދަ ކުންފުނިން މިއަދު ވިދާޅުވީ، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އިންޑިއާ އާއި ސްރީލަންކާ ނޫން އެހެން ގައުމުތަކަށް ބަލިމީހުން ފޮނުވަން އާސަންދަ ކުންފުނިން ”ދެކޮޅު“ ކަމަށް ބައެއް ނޫސްތަކުން ލިޔެފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީގައި މަޖިލިސް މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި، މި ޚިދުމަތް އިތުރު ގައުމުތަކަށް ފުޅާކުރުމުގެ ވިސްނުމެއް އޭރު ނެތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ވިދާޅުވުމުގެ މަފްހޫމް އޮޅޭގޮތަށް ކަމަށެވެ.

އާސަންދަ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން މި ޚިދުމަތް ފުޅާކުރުމަށް ރަސްމީކޮށް ނިންމާ އިޢުލާންކޮށްފައި ނުވާކަން ފާހަގަކޮށްލަމެވެ. އަދި މި ސަރުކާރުން ރަސްމީކޮށް އެކަން އިއުލާންކުރުމުން، މާ ކުރިން ދެކެވިފައިވާ ވާހަކަތަކަކަށް ރިއާޔަތްކޮށް މިއީ އެ ކުންފުނިން ”ދެކޮޅު“ ކަމެއްގެ ގޮތުގައި އާއްމުންނަށް ސިފަވާހެން ހަބަރު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅި ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން އުފެދޭނެ ކަމެއް ކަަމަށްވެސް އާސަންދަ ކުންފުނީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.