އޮކްޓޯބަރ 30, 2024

ފުވައްމުލަކުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަނީ އިތުރުގޮތެއް ނެތިގެން: ފެނަކަ

ފުވައްމުލަކު އެކި ހިސާބުތަކުން ކަރަންޓް ކަނޑަނީ އެރަށަށް ކަރަންޓް ދޭން ބޭނުންކުރާ ޖަނެރޭޓަރެއް ހަލާކުވުމުން އިތުރުގޮތެއް ނެތިގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފުވައްމުލަކުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ބޭނުން ކުރާ ޖަނެރޭޓަރެއް ހަލާކުވުމުގެ ސަބަބުން އެ ރަށުގައި ބޭނުންކުރާ ކަރަންޓު ލޯޑު ނުހިފެހެއްޓޭ ކަމަށެވެ. އެހެންވެ އިތުރު ގޮތެއް ނެތިގެން އެރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަނީ ތާވަލެއްގެ ދަށުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ފުވައްމުލަކަށް ކަރަންޓު ފޯރުކޮށްދޭން ބޭނުންކުރާ ހަތް ޖަނެރޭޓަރު ސެޓުގެ ތެރެއިން އެއް ސެޓު ހަލާކުވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ.

ޖަނެރޭޓަރު ސެޓު ހަލާކުވި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން އޭރު ކަރަންޓު ލޯޑު މަތި ނުވާތީ ރަށުން ކަރަންޓު ކަނޑަން ނުޖެހުނީ ކަމަށެވެ. ނަމަވެސް މޫސުން ރަނގަޅުވެ، ކަރަންޓުގެ ޑިމާންޑު މަތިވެފައިވުމުން ކަރަންޓް ކަނޑާލުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ފެނަކައިން ބުންޏެވެ.

ފުވައްމުލަކަށް ކަރަންޓު ދޭން ހަތް ޖެންސެޓު ބޭނުން ކުރެއެވެ. އެއީ 800 ކިލޯވޮޓްގެ ދެ ޖަނަރޭޓަރާއި 1200 ކިލޯވޮޓްގެ ތިން ޖަނަރޭޓަރާއި 600 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 1000 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ. އޭގެ ތެރެއިން 800 ކިލޯ ވޮޓްގެ އެއް ޖަނަރޭޓަރު ހަލާކުވުމުން ކަރަންޓު އުފެއްދޭ މިންވަރު ވަނީ 4000 ކިލޯވޮޓަށް ދަށްވެފައެވެ.

އެ މައްސަލަ ހައްލު ކުރުމަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެނަކައިން ކަރަންޓު ފޯރުކޮށްދޭ އެހެން ރަށެއްގައި ބޭނުން ނުކޮށް ހުރި 800 ކިލޯވޮޓުގެ ޖަނެރޭޓަރެއް ފުވައްމުލަކަށް ފޮނުވަން ނިންމިއެވެ. އެ ޖަނެރޭޓަރު ސެޓު ބަލައި އެ ރަށަށް ދޯންޏެއް ފޮނުވިނަމަވެސް، އެރަށުގެ އާންމު ހާލަތު ގެއްލިދާނެތީ އެކަން ހުއްޓާލާފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އެހެންކަމުން އިމަޖެންސީ ޕްރޮކިއުމެންޓުގެ ދަށުން 800 ކިލޯވޮޓުގެ ޖަނެރޭޓަރެއް ހޯދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެކަމަކު ބޭނުންވާ ސައިޒުގެ ޖަނެރޭޓަރު ސެޓެއް މިވަގުުތު ރާއްޖެ އިން ލިބެން ނެތެވެ. ފެނަކައިން ބުނީ އެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކަމަށެވެ. ހަމައެހެންމެ އެހެން ރަށަކުން ފުވައްމުލަކަށް ޖަނެރޭޓަރެއް ގެންދިއުމުގެ މަސައްކަތް ވެސް ހުއްޓާނުލާ ކަމަށް ފެނަކައިން ބުންޏެވެ.

ހަލާކުވި ޖަނެރޭޓަރު ހެދޭތޯ ވެސް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފެނަކައިން ބުނީ ކުރިއަށް އޮތް ރޯދަ މަހާއި ހޫނު މޫސުމަށް ތައްޔާރުުވުމުގެ ގޮތުން އަވަހަށް ޖަނެރޭޓަރު ހޯދަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ފުވައްމުލައް ހިމެނޭ ކަމަށެވެ. ފުވައްމުލަކަށް ހޯދަން ނިންމާފައި ވަނީ 1200 ކިލޯވޮޓްގެ ޖަނެރޭޓަރެކެވެ. 

ފެނަކައިން ބުނީ ހަލާކުވި ޖަނެރޭޓަރު ހިންގާތާ 30،000 ގަޑިއިރު ހަމަވުމުން އެއްވެސް ވަރަކަށް އޯވާހޯލްއެއް ކޮށްފައިނުވާ ކަމަށެވެ.