ނޮވެމްބަރ 24, 2024

އިންތިހާބުތައް ރޯދަ މަހު ބޭއްވުން މަނާކުރަން ގާނޫނަށް އިސްލާހެއް

އެއްވެސް އިންތިހާބެއް ރޯދަ މަހު ނުބޭއްވޭ ގޮތަށް މާއްދާއެއް ހިމަނައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އެ އިސްލާހާއެކު ޖުމުލަ 20 އިސްލާހެއް ގެންނަން ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ޝިފާއު ވިދާޅުވި ގޮތުގައި އެ އިސްލާހު ހުށަހެޅުއްވީ ރޯދަ މަހު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ، އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަމާއެކު އިންތިހާބުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވެދާނެ ކަމަށް އޮތް ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް ކަމަށެވެ.

އެގޮތުން ވޯޓު ނަގާ ދުވަހާއި ވަގުތާ ގުޅޭ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގެ ށ. ގައި ވަނީ ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހަކާ ދިމާވާ ނަމަ، އެ އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށްވެސް އިސްލާހުގައިވެ އެވެ.

”މި މާއްދާގެ ށ. ގައި ބުނެވުނު ހާލަތުގައި، އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނު ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާ ނަމަ، މި މާއްދާގެ ށ. ގައި ބުނެފައިވާ ގޮތަށް އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ އެވެ.“ އިސްލާހުގައިވެ އެވެ.

މި އިސްލާހު ހުށަހަޅާފައި މިވަނީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ ރޯދަ މަހު ބޭއްވުމަށް ނިންމާފައިވާތީ އެވެ. އިންތިހާބު ބާއްވަން ނިންމާފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ. އިންތިހާބު ރޯދަ މަހާ ދިމާވާތީ، އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް އީސީން ބުނެފައިވަނީ އިންތިހާބު ފަސް ކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ މި އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހަށެވެ. އެހެންކަމުން ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން، އެއީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އިންތިހާބު ބާއްވައި އެކަމާބެހޭ އެންމެހާ ކަންކަންކޮށް ނިންމަންވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެ އެވެ.

ގާނޫނު ބުނާ ގޮތުން މެންބަރުންގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެއެވެ. އެހެންކަމުން މިމަހުގެ 28ގެ ފަހުން ގިނަވެގެން ދިހަ ދުވަހުގެ ތެރޭގައި މަޖިލީހަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލުމަށް ގާނޫނުގައި ބުނެ އެވެ.