ސެޕްޓެމްބަރ 22, 2024

ދިވެހި ފަންނާނުންނަށް ގެއްލުންވާ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ފައިސަލް ދެއްވައިފި

ދިވެހި ފަންނާނުންނަށް ގެއްލުންވާނެ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ދެއްވައިފިއެވެ.

މިނިސްޓަރު ފައިސަލް މިފަދައިން ވިދާޅުވީ ރިސޯޓުތަކުގައި މިއުޒިކާއި ތަފާތު ހުނަރު ދެއްކުމަށް ބޭރުން މީހުން ގެނައުމަށް ވިސާ ދޫކޮށްދިނުމަށް އެދި އެ މިނިސްޓްރީއަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހުށަހެޅުމުން އެކަމާ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ.

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަންނާނުންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރާނެ ކަމަށެވެ. އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކަމާ ގުޅޭ ބޭފުޅުންނާ މަޝްވަރާކޮށް ރައީސް މުއިއްޒުގެ ލަފާފުޅާއެކު އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

މަޓީގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅި ހުށަހެޅުމުގައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ޑިމާންޑާ އެއްވަރަށް ދިވެހި ފަންނާނުން ނުލިބޭ ކަމަށެވެ. ދިވެހި މިއުޒީޝަނުންނާއި މުނިފޫހިފިލުވައިދޭ މީހުންނަކީ ގާތްގަނޑަކަށް ނެތް ބައެއް ކަމަށް ވެސް، މަޓީން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.